ޙަޤީޤީ ޙާދިސާ: ގިނައިން ބޭނުންވުމަކީ ޠަބީޢަތްކަމަށްހަދައި ފެންވަރު ނެތި ގިނަ އަނބިން ހޯދާ ފިރިހެނުންނަށް އަންހެނެއްގެ ހިތި ތަޖުރިބާއިން ކުރާ ސުވާލުތަކެއް!

އަޅުގަނޑަކީވެސް ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެންކުއްޖަކީމެވެ. ބައްޕަމެން އަޅުގަނޑު މާލެ ގެނެސް ގެއެއްގައި ބަހައްޓައިގެން ކިޔަވައިދިނެވެ. ކިޔަވައި ނިމިގެން ވަޒީފާއެއް ހޯދައިގެން މަސައްކަތްކުރަންފެށީމެވެ. އެދުވަސަވަރު ބައްދަލުވި ޒުވާނަކާއި ލޯބީގެ ގޮތުން ގުޅިގެން އަހަރެއްހައި ދުވަހު އެކީގައި އުޅެފައި ކައިވެނިވެސްކުރީމެވެ. 
ކައިވެނިކޮށްގެން ދިރިއުޅުނީ އޭނާގެ މައިންބަފައިންގެ ގެއިން އޭނާއަށް ލިބިފައިވާ ފްލެޓެއްގައެވެ. ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބި ދުވަސްކޮޅެއްފަހުން ފިރިމީހާއަށް އަޅުގަނޑު ކަމުނުދާކަމުގެ ހެކިތައް އޭނާގެ ޢަމަލުން ފެންނަފަށައިފިއެވެ. ފުރަތަމަ އެންގީ ދަރިފުޅު ބަލަން ގެންގުޅޭ މެދުއުމުރުގެ އަންހެން މީހާ ފޮނުވައިލުމަށާއި ވަޒީފާދޫކޮށްލައި ދަރިފުޅު ބަލަން ގޭގައި މަޑުކުރުމަށެވެ. 
އެކަން އެގޮތަށްކުރަން އަޅުގަނޑަށް އެއްބަހެއް ނުވެވުނެވެ. ސަބަބަކީ އެއިރުވެސް ދަރިފުޅާއި ގޭގެ ޚަރަދުތަކުގެ ބައެއް ބަލަހައްޓަންޖެހެނީ އަޅުގަނޑަށެވެ. އެއީ ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވުމުންނެވެ. ވީމާ އަޅުގަނޑު ބުނީ ޢާއިލާ ބެލެހެއްޓޭނެ ވަރަށް ފިރިމީހާއަށް އާމްދަނީ ނުލިބެނީސް ވަޒީފާ ދޫކޮށްލައިގެން ދަރިފުޅަށް ބޭނުންވާ ކަންކަންވެސް އޮންނާނީ ކޮށްނުދެވިފައި ކަމަށެވެ. އަދި ވަޒީފާ ދޫކޮށްލަންވީ ފިރިމީހާއަށް ކޮށްދޭންޖެހޭ ކޮންކަމެއް ކޮށްނުދެވޭތީތޯ ސުވާލުކުރުމުން ޖަވާބެއް ނުދެއެވެ. ބުނަނީ އެއީ އޭނާ ބޭނުންވާ ގޮތްކަމަށެވެ. އަދި ވަޒީފާގައި އުޅެން ބޭނުންނަމަ ކޭޝްކާޑު އޭނާގެ އަތަށްދޭށެވެ.
ދަރިފުޅު ބަލަން ގެންގުޅޭ އަންހެންމީހާއަކީ އުމުރުން ދުވަސްވީ ވަރަށް ތަޖުރިބާހުރި އަހެނަކަށްވާތީ ކަންކަން ގޯސްވަމުންދާން ފެށުމުން އެއަންހެންމީހާއާއި މަޝްވަރާކުރަމުން ގެންދަމެވެ. އޭނާ ބުނަނީ ފިރިމިހާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަށްބަލާއިރު ކޮންމެ ވަގުތަކުވެސް ވަރިކޮށްލައިފާނެ ކަމަށާއި ވީމާ ވަޒީފާ ދޫކޮށްލައިފިނަމަ ވަރަށް ނިކަމެތި ޙާލެއްގައި ޖެހިދާނެ ކަމަށެވެ. ވީމާ ކެތްތެރިވެގެން މަޑުން އިނުމަށެވެ. 
ފިރިމީހާ ގެއަށް އަންނަނީ ވަރަށް މަދުންނެވެ. ބައެއް ރޭރޭ ނުވެސް އާދެއެވެ. ގެއަށް ނައިސް 2،3 ދުވަސްވެސް ވެއެވެ. އަޅުގަނޑާއި ދަރިފުޅަށް އަޅައިވެސް ނުލައެވެ. 
އެފަދަ ޙާލެއްގައި ދިރިއުޅޭތާ އަހަރެއްހައި ދުވަސްފަހެވެ. އެއްދުވަހަކު ހަވީރު ފިރިމީހާ ގެއަށް އައިތަނާ މީހަކު އައިސް ބެލްޖެހުމުން ދޮރުހުޅުވީ ފިރިމީހާއެވެ. އައިސްހުރީ 2 ލަގެޖާއި ކުޑަދެކުދިންނާއި ގޮވައިގެން ހުރި ޒުވާން އަންހެނެކެވެ. ދޮރުހުޅުވައިލިތަނާ ލަގެޖްތައް ބޭރުގައި ބަހައްޓާފައި އޭނާ ދެކުދިން ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. 
އޭނާ ފިރިމީހާ އާއި ދިމާއަށް ބުންޏެވެ. "އޮޅުވާލައިގެން ވަރަށް ގިނަ ދުވަހު ގެންގުޅެވިއްޖެއެވެ. ބައިތިއްބާފައި ތިބިތަނުގެ ކުލި ނުދައްކައިގެން ގޭގެވެރިމީހާ ދެންމެ އައިސް މިތިބީ ތަނުން ބޭރުކޮށްފައެވެ. ބޯހިޔާވަހިކަން ލިބޭނެ ތަނެއް ދައްކާށެވެ. ނޫނީ މިތަނަކުން ނުނުކުންނާނަމެވެ." 
އެކަންތައް ހިނގަނިކޮށް ގެންގުޅޭ އަންހެން މީހާ ސިއްރުން އަޅުގަނޑަށް އިޝާރާތްކޮށް ކޮޓަރިއަށްވެއްދިއެވެ. ކޮޓަރިއަށް ވައްދާފައި ބުނީ މިއީ ގެއިން ނުކުންނަންވީ ވަގުތު ކަމަށެވެ. ތަނެއް ހަމަޖެހެންދެން އޭނާގެ ދަރިއެއްގެ ގޭގައި ބައިންދައިދީފާނެ ކަމަށެވެ. "އަަހަރެން މިގޮތަށް މިގޭގައި ދުވާލު މަސައްކަތް މިކުރަނީ ދަރިން އަހަރެން ނުބަލާތީއެއް ނޫން. އެހެން ނަމަވެސް އެކުދިންގެ ކިބައިގައި ތަނަވަސްކަން ނެތުމުން ދައްތައަށް ޚަރަދުކުރަން ނުޖައްސުވަންވެގެން. ދެދަރިންވެސް ތިބީ ކައިވެނިކޮށްގެން. އަދި ދަރިންނެއް ނުލިބޭ. އުޅެނީ ވަރަށް އަތްމަތިދަތިކޮށް. ކުލި ދައްކާފަ ބާކީއެއް ނުވޭ. ދޮށީދަރި އިންނަތަނުގަ ހުސްކޮޓަރިއެއް އެބަހުރި. އުޅެނީ ކުއްޔަށްދޭންވެގެން. ތިއަ ދަރިފުޅަށް ގޮތެއް ފެންނަންދެން އެތަނުގަ އިނދެވިދާނެ. ދައްތަ އެކަމަށް މެދުވެރިވެދޭނަން."   
އެދައްތަ ދެއްކިވާހަކަ އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އިތުރަށް ފިރިމީހާ އާއިއެކު ދިރިއުޅުންވާނީ ވަރަށް ބޮޑު ހަނގުރާމައަކަށެވެ. އަހަރެންގެ އެންމެ ދަރިއެކެވެ. އޭނާގެ ދެދަރިންނެވެ. އެއީވެސް ހަމަ ފިރިމީހާގެ ދަރިންނެވެ. ވީމާ ދައްތަގެ ނަޞޭޙަތް ޤަބޫލުކޮށް ފޮށްޓަކަށް އެއްޗެތި އަޅައިގެން ދެމީހުންގެ ކުރިމަތިންލާފައި ނުކުމެގެން ދިއައީއެވެ. އެއިރުން އެމީހުން އުޅެން އެތަން ލިބޭނެތީއެވެ. 
ދައްތައާއިއެކު އެގެއަށް ގޮސް އެކޮޓަރީގައި ދިރިއުޅެންފެށީއެވެ. އެކޮޓަރި ކުއްޔަށްހިފައިގެންނެވެ. ދައްތަގެ ދަރިފުޅުމެން ދެމަފިރިންނަކީ ވަރަށް ރަނގަޅު ބައެކެވެ. ނެގީ ބޮޑުކުއްޔެއްވެސް ނޫނެވެ. ގޭގެކުލިން އެއްބައެވެ. އެމީހުންނަކީ ރަނގަޅުބައަކަށްވުމުން ދަރިފުޅަށް ގޭތެރޭގައި މިނިވަންކަމާއިއެކު އުޅެން ފުރުޞަތުލިބުނެވެ. 
އެގޭގައި ހަމަޖެހިލެވުމުން ވަރިއަށް އެދުނީމެވެ. ނަޞީބަކުން ވަރަށް ފަސޭހައިން ވަރިކޮށްދިނެވެ. އެހިސާބުން އަޅުގަނޑަށް ވިސްނުނެވެ. އެދުވަހު ފިރިމީހާގެ ބަހަށް އެދައްތަ ފޮނުވާލެވުނުނަމަ އަދި ވަޒީފާ ދޫކޮށްލުވުނުނަމަ، އަދި ކޭޝްކާޑު ދެވުނު ނަމަ އަޅުގަނޑަށް ޖެހޭނީ ކޮން ޙާލެއްތޯއެވެ؟ މިހާފަސޭހައިން ކަންކަން މިކުރެވުނީ ފައިސާކޮޅެއް ޖަމާކުރެވިފައިހުރީތީއެވެ. އަދި މިހުރިހާ ކަމެއް މިގޮތަށް މެދުވެރިކުރެއްވެވީ މެދުކެނޑުމެއްނެތި ރޭގަނޑާއި ދުވާލުކުރި ދުޢާއިންނެވެ. އެކަލާނގެއަށް ވަކީލުކޮށް ވާގިއެދޭ އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވަވާނެތީއެވެ. އިން ޝާ ﷲ 
މިކިޔައިދެވުނީ ޙަޔާތުގެ އެންމެ ހިތްދަތިބައެވެ. ދެން މިފަށަނީ އުފާވެރި ބައަށެވެ. ވަރިކުރިތާ 8 ވަނަ މަހު އަޅުގަނޑު މަސައްކަތްކުރާ ކުންފުނީގެ ވެރިމީހާގެ ކޮއްކޮ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން އެދުނެވެ. އޭނާއަކީ ދެދަރިންގެ ބައްޕައެކެވެ. އަނބިމިހާވަނީ މަރުވެފައެވެ. އަޅުގަނޑު އަވަސްއަވަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފީމެވެ. 
ކައިވެނިކުރި ދުވަހު ހަދިޔާއަކަށް އޭނާގެ ބޭބެ ދިނީ ދެމީހުން ދިރިއުޅޭނެ ފްލެޓެކެވެ. ޢޭނާ ކުއްޔަށްދޭން އަޅާފައިވާ އިމާރާތަކުންނެވެ. ކައިވެންޏަށްފަހު އެފްލެޓަށް ބަދަލުވީ ދައްތަވެސް ގޮވައިގެންނެވެ. އަޅުގަނޑު އަދިވެސް އޭނާ ގެންގުޅެމެވެ. ނަމަވެސް ގެންގުޅޭ ނޯކަރެއްގެ ގޮތަކު ނޫނެވެ. މަންމައެއްގެ ގޮތުގައެވެ. 
ކައިވެންޏަށް މިހާރު މިއީ 8 ވަނަ އަހަރެވެ. މިކައިވެނީގައިވެސް 2 ދަރިން ލިބިއްޖެއެވެ. އަދި މިހައިތަނަށް އެއްވެސް ކަމެއްގައި ދެބަސްވާކަށް ނުޖެހެއެވެ. އަދިވެސް ވަޒީފާވެސް އަދާކުރަމެވެ. ދެމަފިރިން އެކުގައެވެ. އެއީ ފިރިމީހާގެ ބޭބެ ބޭނުންވާ ގޮތެވެ. ބޭބެ މިހާރުވަނީ އަޅުގަނޑުގެ ފިރިމީހާއަށް ކުންފުނިން ޙިއްޞާއެއްވެސް ދީފައެވެ. ވީމާ ބޮޑަސް ރަނގަޅުވާނީ އަމިއްލަމަސައްކަތްކުރަނީ ކަމަށްބުނުމެވެ. 
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަންމެދުވެރިވި ގޮތެވެ. އަޅުގަނޑުގެ ވާހަކަ އާއި ގުޅުވައިގެން މިއަދުނޫހުގެ ކިޔުންތެރިއަކާއި ސުވާލެއް ކުރަން ބޭނުންވެއެވެ. މިބާވަތުގެ ވާހަކަތައް ލިޔުނީމާ "ފިރިހެނުންނަކީ ހިތް ނުފުރޭ. އިތުރަށް ބޭނުންވުން ޠަބީޢަތުގައިވާ ބައެއް ކަމަށްބުނެ ކޮމެންޓުކުރާ މީހަކު އުޅެއެވެ. އޭނާ ޢާއި ސުވާލުކޮށްލަން ބޭނުންވަނީ ޠަބީޢަތުގައިވާތީކަމަށްބުނެ އަނބިން ހޯދާއިރު އެއަނބިންނަށް ކާންދީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ޠަބީޢަތުގައި ނުބަހައްޓާނަމަ ނޫނީ އެކަމަށް ނުކުޅޭދޭ ޙާލުގައިވެސް ޠަބީޢަތޭ ކިޔާފަ ހަމަ ކައިވެނިކުރަމުން ދުވަންވީތޯއެވެ؟ އަޅުގަނޑަކީ ފިރިމީހާއަށް ބަރޯސާނުވެ ދިރިއުޅުނު އަނހެނަކަށްވާތީ އަޅުގަނޑަށް މިންޖުވެވުނު ނަމަވެސް އަނެއް އަނބިމީހާއަށް ޖެހުނު ޙާލު ނިކަން ދެކިބަލާށެވެ! ކުލި ނުދައްކައިގެން ގޭގެވެރިމީހާ އައިސް ލަފުގަހިފާ ބޭރުކުރާއިރު ތިއަ ބުނާ ޠަބީޢަތަށް ހަދަންޖެހޭނީ ކިހިނެއްތޯއެވެ؟ ނިކަން ޖަވާބުދެއްވަބައްލަވާށެވެ! 
- ޒުލައިޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ