ކަރަންޓު ބިލުގެ ޖޫރިމަނާ މާފު ކުރެވޭނެ އުސޫލެއް ހަދައި އަމަލު ކުރަން ފަށަނީ

ކަރަންޓް ބިލު ނުދައްކައިގެން އަރާ ޖޫރިމަނާ މާފު ކުރެވޭނެ އުސޫލެއް ހަދައި، އެ އުސޫލަށް ކުރިއަށް އޮތް ތިން މަސް ތެރޭގައި އަމަލު ކުރަން ފެށޭވަރު ވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް "ސަން"އަށް ވިދާޅުވީ މަގާމާ ހަވާލުވިފަހުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ފާހަގަ ކުރެވޭ ފަދަ މުހިއްމު ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ގޭގެ ވެރިފަރާތުގެ އަމިއްލަ އިޚުތިޔާރުން ބޭރުގައިވާ ކަމެއްގެ ސަބަބުން ވަރަށް ބޮޑެތި ޖޫރިމަނާތައް ވެސް އަރާފައި އެބަހުރި ކަމަށެވެ. ޝަރީފް ވިދާޅުވީ އެފަދަ ފަރާތްތަކަށް ލުއި ގޮތެއް ހޯދައިދިނުމަށް ސްޓެލްކޯގެ ސްޓްރެޓެޖީ ގްރޫޕާ އަދި ކަސްޓަމާ ސާވިސްގެ ފަރާތުން ބޯޑަށް ހުށަހެޅުމަށް ޓަކައި އެ އުސޫލު އެކުލަވައިލަމުން އަންނަ ކަމަށެވެ. "ގިނަ ޝަކުވާތައް ހުރީ ކުއްޔަށް ތިބޭ މީހުން ތިން ހަތަރު ބިލު ނުދައްކާ ބާއްވާފައި ގޭގެ ވެރިފަރާތަށް އެންގުމަކާ ނުލާ ނުކުމެގެންދާ ފަހުން ކަރަންޓު ކަނޑާލަން ދިޔައިމަ ވެރިފަރާތަށް ކިރިޔާ ވެސް މި ރެއަކާލަނީ މިވެނި އެޕާޓްމެންޓެއްގެ ބިލު ނުދައްކާތާ އެތައް މަހެއް ވެއްޖެކަން. އަދި އެ ބިލް ނުދެއްކިގެން ޖޫރިމަނާ ތިންގުނަ ހަތަރު ގުނަ އިތުރުވެފައި އެބަހުރި. މިއީ ގޭ ވެރިފަރާތުގެ އިޚުތިޔާރުން ބޭރުގައިވާ ކަންކަން،" ޝަރީފް ވިދާޅުވިއެވެ. އިލެކްޝަންގެ ކޮމިޝަންގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވީ އެފަދަ ކަންކަމުގައި ޖޫރިމަނާ މައާފު ކުރެވޭނީ ކިހާ މިންވަރަކަށްތޯ ބަލައި އެއީ ކޮންކަހަލަ ޝަރުތުތަކަކާއި އުސޫލުތަކެއްގެ ތެރެއިންތޯ ކަނޑައެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. "މި ލުއިތައް ދެވޭނެ ހުރިހާ ފަރާތެއް މި އުސޫލު ނެރޭއިރު އޭގައި ބަޔާންކޮށްފައި ވާނެ. މިފަދަ ލުއިފަސޭހަ ގޮތްތަކެއް މި ހޯދައިދެނީ އާންމުންގެ ތެރެއިން އެކަމަށް ބޭނުންވެފައި ތިބޭ ފަރާތްތަކަށް. އެހެންވީމަ ކުރިއަށް މި އޮތް ދެތިން މަހެއްގެ ތެރޭގައި އެ އުސޫލަށް އަމަލު ކުރަން ފެށޭނެ. މިކަން ފެށުމުން މިހާތަނަށް ހުރި މައްސަލަތަކަށް ވެސް ހައްލު ލިބޭނެ" ޝަރީފް ވިދާޅުވިއެވެ. "މީގެ އިތުރުން ވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެ އެތައް ކަމެއް ކުރެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ،" ޝަރީފް ވިދާޅުވީ ސްޓެލްކޯ ހަވާލު ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް، އޭނާއާ ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި އެންމެ ފުރަތަމަ ވެސް ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތަކީ އާއްމު ރައްޔިތުންނަށް ގަބޫލު ކުރެވޭ, އަދި ލުއިފަސޭހަ ކޮށްދެވޭ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން ބޭނުންވާ ވާހަކަފުޅު ކަމަށެވެ. "ރައީސް ފޯނުން ގުޅުއްވައިގެން ވެސް މައުލޫމާތު ސާފު ކުރައްވާ. ސްޓެލްކޯގެ ހިންގުމަށް ކޮންކަހަލަ ބުރޫއެއްތޯ އަރަނީ، ރައްޔިތުންގެ ޝަކުވާއަކީ ކޮބައިތޯ، ބައްލަވައި ހައްދަވާ. ޝަކުވާ ހުރި ނަމަ އެފަދަ ކަންކަން އަވަހަށް ހައްލުކޮށްދިނުމަށް ވިދާޅުވޭ،" ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ