އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 50 މަދު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު ނަސީރު މިހެން ވިދާޅުވީ 90 ދުވަހަށް ފަހު ރިޔާސީ ކެމްޕެއިން އަލުން ފެށުމުގެ ގޮތުން ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަވާނެ މުހިންމު ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ގެންނަވާނެ ބަދަލުތަކެއް އޭނާ ވަނީ ހާމަކުރައްވާފައެވެ. އުމަރު ވިދާޅުވީ ގާނޫނަށް ބަދަލު ހުށައަޅުއްވާ މަޖިލީސް މެންބަރުންގެ އަދަދު މަދު ކުރައްވާނެ ކަމަށެވެ.
ރާއްޖެ ފަދަ ގައުމަކަށް މަޖިލީހުގައި 85 މެންބަރުން ގިނަ ކަމަށާ އެ އަދަދު 50 އަށް މަދު ކުރައްވާނެ ކަމަށެވެ. އަދި މަޖިލީސް މެންބަރުންނަކީވެސް މަގާމުން ވަކި ކުރެވޭ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. އެ ގޮތުން ރާއްޖެއަށް ރިކޯލް ވޯޓް ތައާރަފު ކުރުމަށް ކުރަން ޖެހޭ މަަަސައްކަތް ކުރައްވާ އެ ވޯޓް ނެގޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
އަދި މަޖިލީސް މެންބަރުންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް މިހާރު އޮތް ވިޕް ނެރުމުގެ އުސޫލު އުވާލައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީސް މެންބަރަކަށް ހުންނަވައިގެން ދައުލަތުގެ އެއްވެސް މުދަލެއް ނުނެގޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. މަޖިލީހަށް މިހާރު ވަޑައިގަންނަވާ ވަރަށް ގިނަ މެންބަރުން އެ މަގާމަށް ވަޑައިގަންނަވަނީ ރިސޯޓް ހަދަން ރަށްތައް ހޯދުމަށް ކަމަށް އުމަރު ވިދާޅުވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ތިބޭފުޅުން ފުރުސަތު ދެއްވައިފިއްޔާ ޕާލިމަންޓް 50 މެންބަރުންނާއި ހަމައަށް އަޅުގަނޑު ތިރިކުރާނަން،" އުމަރު ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: 2023 ގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާ އޭނާގެ ސިޔާސަތުތައް ދަނީ ހާމަ ކުރައްވަމުން --
އަވަސް ފޮޓޯ
މި ގައުމަށް ހަގީގީ ބަދަލެއް ގެނެވޭނީ މި ގައުމަށް އިހުލާސްތެރި، އިސްލާމީ ވެލިއުސްގައި ހިފަހައްޓާ އިސްލާމީ ވެރިއަކު ގެނެސްގެން. އެ ނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެ. އެންމެ ބޮޑެތި ދޮގު ހަދާ މީހާ ބަލާފައި ނުފުއްދޭ ވަރުގެ ބޮޑެތި ވައުދުތައްވާ މީހާ ބަލާފައި އެ މީހުންނަށް އަހަރެމެން ވޯޓް ދޭން ވެއްޖިއްޔާ މި ގޮތަށް ތަހަންމަލު ކުރަމުން ދިއުން ނޫން ގޮތެއް ނޯންނާނެ
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
އުމަރު ވިދާޅުވީ މިހާރުވެސް މަހަކު 30 މިލިއަން ރުފިޔާ ސިޔާސީ މަގާމުތަކަށް ސަރުކާރުން ހަރަދު ކުރާ ކަމަށާ ނަމަވެސް ރާއްޖެއަށް ބޭނުންވަނީ ހިމަތޮޅި ސަރުކާރެއް ކަމަށެވެ. މިހާރު އޮތީ މަތިބަރު "ބޮޑު ބަބުކެޔޮ ގަހެއް" ވަރުގެ ސަރުކާރެއް ކަމަށާ އެކަމަށް އޭނާގެ ވެރިކަމުގައި ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ބައެއް އިދާރާތައް އެއްކޮށްލާ އެއް މަސައްކަތެއް ކުރާ މިނިވަން މުއައްސަސާތައްވެސް އޭނާގެ ވެރިކަމެއްގައި އެއްކޮށްލައްވާނެ ކަމަށެވެ.
އެ ގޮތުން އިމިގްރޭޝަނާއި ކަސްޓަމްސް އެއްކޮށްލައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އާންމު ހިދުމަތް ދޭ ކުންފުނިތައް އުފެއްދުމުގެ ހުއްދަ އަމިއްލަ ފަރާތްތަކަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖެ އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ. މިއަދުވެސް މާލޭގައި ހަށިވިއްކާ 30 ތަނެއް ހިންގާއިރު ޑްރަގް ކެފޭތަކުގެ ގޮތުގަައި 50 ތަނެއް އެބަހުރި ކަމަށެވެ. އުމަރު ވިދާޅުވީ މި ގައުމަށް ބަދަލު ގެނެވޭނީ އިސްލާމީ އުސޫލުތައް ގަބޫލުކުރައްވާ ވެރިއަކު ގައުމާއި ހަވާލުވި ދުވަހަކުން ކަމަށެވެ.
މަޖިލީސް މެންބަރުންގެ އަދަދު 50 އަށް މަދުކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ