ކަރަންޓް ސަބްސިޑީއަށް ބަދަލު ގެނައި ނަމަވެސް ގިނަ ބަޔަކަށް އެއްވެސް އަސަރެއް ނުކުރޭ: ޒުހޫރު

ސްޓެލްކޯއާއި ފެނަކައަށް ސަރުކާރުން ސަބްސިޑީ ދެމުން ގެންދިޔަ އުސޫލަށް ބަދަލު ގެނައި ނަމަވެސް އެ ދެ ކުންފުނިން ހިދުމަތް ހޯދާ މީހުންގެ ތިންބައިކުޅަ ދެބައި މީހުންގެ ކަރަންޓް ބިލަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހްމަދު ޒުހޫރު އެވެ.
ޒުހޫރު ވިދާޅުވީ ސްޓެލްކޯއާއި ފެނަކައަށް ސަރުކާރުން ސަބްސިޑީ ދެމުން ގެންދިޔަ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ސްޓެލްކޯ އިން ހިދުމަތް ހޯދާ މީހުންގެ 70 އިންސައްތަ އަދި ފެނަކައިން ހިދުމަތް ހޯދާ 80 އިންސައްތަ މީހުންގެ ކަރަންޓް ބިލަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ޒުހޫރު ވިދާޅުވީ ސްޓެލްކޯއާއި ފެނަކައަށް ސަރުކާރުން ސަބްސިޑީ ދެމުން ގެންދިޔަ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ސްޓެލްކޯ އިން ހިދުމަތް ހޯދާ މީހުންގެ 10 އިންސައްތަ އަދި ފެނަކައިން ހިދުމަތް ހޯދާ 12 އިންސައްތަ މީހުންގެ ކަރަންޓް ބިލް ވަނީ ކުޑަވެގެން ގޮސްފައި ކަމަށެެވެ. އަދި މިބަދަލާއި ގުޅިގެން ކަރަންޓް ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސް ދައްކަންޖެހޭ އެއްޗެއްގެ އަގު ބޮޑުވެފައިވަނީ ސްޓެލްކޯ އިން ހިދުމަތް ހޯދާ 19 އިންސައްތަ މީހުންނާއި ފެނަކައިން ހިދުމަތް ހޯދާ ނުވަ އިންސައްތަ މީހުންނަށް ކަމަށްވެސް ވިދާޅުވި އެވެ.
"[ސަބްސިޑީއަށް] ބަދަލު ގެނައި އިރު އަޅުގަނޑުމެން އެބަދަލު ގެނައީ އެ ސަބްސިޑީ ޑައިރެކްޓްކޮށް ކުޑަކުރުމުގެ ބަދަލުގައި، ތެޔޮ އެތެރެކުރާ ފަރާތަކީ އެސްޓީއޯ. އެހެންވީމާ އެސްޓީއޯއަށް ސަރުކާރުގެ ޓީމެއް ގޮސް އެސްޓީއޯގައި އޭރު ވިއްކަމުން ދިޔަ އަގު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް އެސްޓީއޯގެ ތެލުގެ އަގު ވަރަށް ބޮޑަށް ކުޑަކުރީ. ކޮށްފައި ހަމައެއާ އެކީގައި ސްޓެލްކޯއަށް އަޅުގަނޑުމެން ގޮސް ސްޓެލްކޯގެ އެފިސިއެންސީ ގެނައުމަށް ހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލައި އަލުން އެބޭފުޅުންގެ [ސްޓެލްކޯ]ގެ ކަލްކިއުލޭޝަންތައް ރިވިއުކޮށް، އެގޮތުން އެ ކަލްކިއުލޭޝަންތައް ވެސް އަޅުގަނޑުމެން ކުޑަކުރީ. ހަމައެއާ އެކީގައި ފެނަކައިގައި ވެސް އަޅުގަނޑުމެން މިހެދީ އެހެން. ކޮށްގެން އެ ސަބްސިޑީ އަޅުގަނޑުމެން މި ރިމޫވް ކުރީ،" ސްޓެލްކޯއާއި ފެނަކައަށް ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމުގެ ކުރިން ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ސާފުކޮށްދެއްވަމުން ޒުހޫރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮންމެ ކަމަކަށް ސަބްސިޑީ ދެމުން ގެންދިޔަ ނަމަވެސް ކާޑުގެ ބާވަތްތަކަށާއި ކަރަންޓަށް ދެމުން ގެންދިޔައީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ދެވޭ ހޯލްސޭލް ސަބްސިޑީއެއް ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ މާލީ އިދާރާތަކުން، ސަބްސިޑީ ދިނުމުގެ އުސޫލަށް ހާއްސަކޮށް ކާޑާއި ކަރަންޓް ސަބްސިޑީ ދެމުން ދިޔަ އުސޫލަށް ބަދަލު ގެނައުމަށް ސަރުކާރަށް ކެނޑިނޭޅި ފިއްތުތައް ކުރިމަތިކުރަމުން ދިޔަ ކަަމަށް ވިދާޅުވި އެވެ. ސަބްސިޑީ ދިނުމުގެ އުސޫލަށް މައިގަނޑު ގޮތެއްގައި ބަދަލު ގެނައީ މިސަބަބާ ގުޅިގެން ކަމަށާއި ނަމަވެސް ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލު ގެނައީ އާންމު ރައްޔިތުންނަށް އެކަމުން ލިބޭނެ ގެއްލުން ވީހާވެސް ބޮޑަކަށް ކުޑަކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ