އެއް އިންޖީނު ހުއްޓިގެން އިއްތިހާދު އެއަރވޭޒްގެ ބޯޓެއް ކުއްލިހާލަތުގައި ޖައްސައިފި

ޔޫއޭއީގެ އަބޫދާބީން އޮސްޓްރޭލިއާގެ ސިޑްނީއަށްފުރި އިއްތިހާދު އެއަރވޭޒްގެ މަތިންދާ ބޯޓެއްގެ އެއް އިންޖީނު ހުއްޓި، ކުއްލި ހާލަތުގައި އަނބުރާ ޖައްސައިފިއެވެ.
އިއްތިހާދު އެއަރވޭޒްގެ ބޮއިން 777 ގެ ފްލައިޓް އީވައި450 މަތިންދާ ބޯޓްގެ އެއް އިންޖީނު ހުއްޓުނީ މިއަދު ހެނދުނު އަބޫދާބީން ފުރިތާ މާ ގިނައިރެއް ނުވަނީސްކަމަށް އެއަރލައިނުން ބުނެއެވެ.
"ކުއްލި ހާލަތުގައި އަނބުރާ ބޯޓް ޖެއްސުމުގެކުރިން ޕައިލެޓުންނާއި، ކެބިން ކްރޫންވަނީ އެފަދަ ދަނޑިވަޅުތަކުގައި އަޅާންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައި. އެއީ، ތަމްރީނުތަކުގައި އާންމުކޮށް އެމީހުން ޕްރެކްޓިސް ކުރަމުންދާ ކަންކަން" އިއްތިހާދު އެއަރވޭޒްގެ ތަރުޖަމާނު ވިދާޅުވިއެވެ.
ކުއްލި ހާލަތުގައި ބޯޓް ޖެއްސުމުގެ ތެރޭގައި މީހަކަށް ކަމެއް ވީކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި މަތިންދާ ބޯޓްގެ އިންޖީނުގެ މަސައްކަތް ހުއްޓުނީ ކީއްވެގެންކަމާމެދުވެސް އެއަރލައިނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިއްތިހާދު އެއަރވޭޒްއަކީ ގަލްފް ސަރަހައްދަށް ނިސްބަތްވާ، ޔޫއޭއީގެ ދެވަނައަށް އެންމެބޮޑު އެއަރލައިނެވެ. އަދި އެއީ ދުނިޔޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ އެއަރލައިނެއްވެސް މެއެވެ.
އިއްތިހާދު އެއަރވޭޒްގެ މަތިންދާ ބޯޓްތަކުގެ ފްލީޓްގައި މިހާރުވެސް އެއަރބަސް އަދި ބޮއިން މަރުކާގެ 123 ބޯޓް ބޭނުން ކުރެއެވެ. އަދި 2025 ވަނަ އަހަރުގެ ކުރިން އިތުރު 179 ބޯޓް ގަތުމަށް އެ އެއަރލައިނުން ވަނީ އޯޑަރުވެސް ދީފައެވެ.
އިއްތިހާދު އެއަރވޭޒްއަކީ ވައިގެ އެކްސިޑެންޓްތައް މަދު އެއަރލައިނެކެވެ. އަބޫދާބީން ސިޑްނީއަށް ފުރި އިއްތިހާދު އެއަރވޭޒް މަތިންދާ ބޯޓެއްގެ އެއް އިންޖީނު މިއަދު ހުއްޓުނުއިރު، މިއަހަރުގެ މެއިމަހު އެ އެއަރލައިންގެ މަތިންދާ ބޯޓެއް، ކުއްލި ކޮޅިގަނޑެއްގައިޖެހި 31 ފަސިންޖަރަކަށް އަނިޔާވެފައި ވެއެވެ.
ކޮޅިގަނޑުގެ ބާރުގަދަ ކަމުން މަތިންދާ ބޯޓަށް އިތުރަށް ދަތުރު ނުކުރެވިގެން ތިރިކޮށްފައިވަނީ ޖަކާޓާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ