ލީބިޔާގެ މަސްރަހު: ގައްޒާފީގެ ކިބައިން މިނިވަންވެފައިވާ ސަރަޙައްދުތަކުގައި ލީބިޔާގެ ރައްޔިތުން ވަގުތީ ސަރުކާރެއް އެކުލަވާލައިފި

ބެންޣާޒީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ވެރިކަމުން މިނިވަންވެފައިވާ ސަރަޙައްދުތަކުގައި ލީބިޔާގެ ރައްޔިތުން ވަގުތީ ސަރުކާރެއް އެކުލަވާލައިފިއެވެ.
ލީބިޔާގެ އަމިއްލަ ބަޔަކު ނެރޭ ނޫހެއް ކަމަށްވާ ޤުރީނާއާ ހަވާލާދީ ބީ.ބީ.ސީ. ބުނިގޮތުގައި ލިބިޔާގެ ރައްޔިތުން އެކުލަވާލި ވަގުތީ ސަރުކާރުގެ މަރުކަޒަކީ އެޤައުމުގެ ދެވަނަ ސިޓީ ކަމަށްވާ ބެންޣާޒީއެވެ.
މިސަރުކާރުގެ ވަގުތީ ވެރިއަކީ މިދިޔަ ހަފްތާގައި ގައްޒާފީގެ ސަރުކާރުން އިސްތިއުފާދެއްވައި ރައްޔިތުންނާ ބައިވެރިވެ ވަޑައިގެންނެވި ލީބިޔާގެ ޖަސްޓިސް މިނިސްޓަރ މުސްތަފާ މުޙައްމަދު ޢަބްދުލްޖަލީލެވެ. އޭނާއަކީ ޤާނޫނީ ރޮނގުން މަތީ ތަޢްލީމް ޙާސިލްކުރައްވައި އެދާއިރާއިން ދިގުމުއްދަތުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ޤާނޫނީ މުސްތަޝާރެކެވެ.
ބެންޣާޒީއަކީ ގައްޒާފީގެ ވެރިކަމުން އެންމެ ފުރަތަމަ މިނިވަންވި ލީބިޔާގެ ރަށެވެ. ވަގުތީ ސަރުކާރު އެކުލަވާލެއްވުމަށްފަހު ފުރަތަމަ ދެއްވި ބަޔާނުގައި މުސްތަފާ ވިދާޅުވީ ލީބިޔާއަކީ އެއް ޤައުމުކަމަށާއި ވެރިރަށަކީ ކުރިއެކޭވެސް އެއްގޮތަށް ޓްރިޕޮލީ ކަމުގައެވެ.
ޓްރިޕޮލީ ގެ ބައެއް އަވަށްތައް ގައްޒާފީގެ ކޮންޓްރޯލުން މިނިވަންވެފައިވީނަމަވެސް ގައްޒާފީއާއި އޭނާގެ އަޢުވާނުން އަދިވެސް ތިއްބެވީ ޓްރިޕޮލީގައި ހުންނަ ބާބުލްޢަޒީޒިއްޔާ މިލިޓަރީ ކޭންޕްގައެވެ.
އިޓަލީގެ އިސްތިޢްމާރީ އަޅުވެތިކަމުން ލީބިޔާއަށް މިނިވަންކަން ލިބުނީ 1951 ވަނަ އަހަރުއެވެ. އޭރު ލީބިޔާއޮތީ ބިން ސަރަޙައްދަކަށް ބައިވެ އެއިން ކޮންމެ ސަރަޙައްދެއްގައި ވަކި ވެރިކަމެކެވެ. ލީބިޔާ އެއްދައުލަތަކަށް ހައްދަވައި އެޤައުމުގެ މިނިވަންކަން އިޢްލާން ކުރެއްވީ އޭރުގެ ލިބިޔާގެ ރަސްގެފާނު އިދްރީސް އައްސުނޫސީ އެވެ.
ގައްޒާފީގެ ގޮތްދޫނުކުރެއްވުމުގެ ސަބަބުން އިދްރީސް ރަސްގެފާނު އެއްދައުލަތަކަށް ހެއްދެވި ލީބިޔާ އަލުން ބައިބައިވެދާނެ ކަމުގެބިރު ހީވެފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. -- ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ