ޗައިނާގައި ފުޓުބޯޅައަށް ހާއްސަކޮށްގެން 20000 ސްކޫލް އަޅަނީ

ޗައިނާ އިން އެގައުމުގައި ފުޓުބޯޅައަށް ހާއްސަކޮށްގެން 20000 ޕްރައިމަރީ އަދި މިޑްލް ސްކޫލް ހެދުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނާ ގޮތުގައި އެއީ ޗައިނާގައި ފުޓުބޯޅަ ކުރިއަރުވާ، އެގައުމުން ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރެވޭވަރުގެ ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށްޓަކައި ފަށާފައިވާ މަޝްރޫއެކެވެ.
މި ސްކޫލްތައް ޗައިނާގެ 30 ސަރަހައްދެއްގައި ހެދޭނެ ކަމަށާއި މީގެ ތެރެއިން 60 ޕަސެންޓަކީ ޕްރައިމަރީ ސްކޫލްތައް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެ އެެވެ. އަދި މީގެ ތެރޭގައި ވޮކޭޝަނަލް ސްކޫލްތައްވެސް ހިމެނޭކަމަށް އެއިދާރާއިން ބުނެ އެވެ.
މިނިސްޓްރީން ބުނާ ގޮތުގައި މިސްކޫލްތައް ހިންގާ، ދަރިވަރުންނަށް ތަމްރީނު ދިނުމަށްޓަކައި ގާނޫނީ އެހީތެރިކަން ލިބޭނެ ކަމަށާއި މި ސްކޫލްތަކުގެ ނަތީޖާއަކީ އެ ސަރަހައްދެެއްގެ ލޯކަލް ކައުންސިލްގެ މަސައްކަތުގެ ފެންވަރު ބެލުމަށް ބޭނުންކުރެވޭނެ ގިންތިއެއް ކަމަށެވެ. އަދި މި ސްކޫލްތަކުގައި ދަރިވަރުންނަށް މަދުވެގެން އެއްގަޑިއިރުގެ ސްޕޯޓްސް ތަމްރީނު ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ޗައިނާއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގެ މައިދާނުގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައި ނުވުމުގެ ސަބަބުން، ޗައިނާގެ ގިނަ ފުޓުބޯޅަ ސަޕޯޓަރުން ދަނީ އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމް ވޯލްޑް ކަޕަށް ކޮލިފައިވެފައިވެސް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ