މަޝްހޫރު ތާރީޚީ ލިޔުންތެރިޔާ ހ. ޝަފީގުގޭ އަހުމަދު ޝަފީގު އަވަހާރަވެއްޖެއެވެ.
އަހުމަދު ޝަފީގު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އޭނަގެ އުމުރުފުޅަކީ 87 އަހަރެވެ.
އަހުމަދު ޝަފީގަކީ 3 އަތޮޅެއްގެ އަތޮޅުވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރަށް ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަފީގަކީ ތާރީޚީ ގިނަ ފޮތްތަކެއް ލިޔުއްވި ބޭފުޅެކެވެ. އަދި ތާރީޚު ދިރާސާ ކުރެއްވުމުގެ އިތުރަށް ތާރީޚީ އެކި ކަންކަމާ ގުޅޭ ޑައިރީ ވެސް ލިޔުއްވާފައި ވެއެވެ.
ޝަފީގު އެންމެ ފަހުން ނެރުއްވި ފޮތުގެ ނަމަކީ "އަހުމަދު ޝަފީގުގެ ހަޔާތުން ދުވަހެއް" މިފޮތެވެ. ޝަފީގު ލިޔުއްވި މި ފޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު އެކި ގޮތްގޮތަށް 111 މީހަކު މަރާލާފައިވާ ކަމަށް ބުނެފައިވެއެވެ. އެކަމާއި ގުޅިގެން ރައީސް މައުމޫނު ވަނީ ޝަފީގުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފައެވެ.
ރައީސް މައުމޫންގެ އަބުރު ނަގާލިކަން ޝަފީގުގެ މައްޗަށް ސާބިތުވެ، އޭގެ ބަދަލެއްގެ ގޮތުން 5،000 ރުފިޔާ ދެއްކުމަށް ޝަފީގުގެ މައްޗަށް 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކޯޓުން އަމުރުވެސް ކޮށްފައި ވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޝަފީގު ރޭ އަވަހާރަވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. އަހުމަދު ޝަފީގު އުފަންވެވަޑައިގެންފައިވަނީ 15 މެއި 1928 ގައެވެ.
ޝަފީގުގެ މައްޗަށް ކަށުނަމާދު ކުރުން މިއަދު ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ ކަމަށް އާއިލާއިން ބުނެއެވެ.
މަޝްހޫރު ތާރީޚީ ލިޔުންތެރިޔާ އަހުމަދު ޝަފީގު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ