ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ އަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަގާމަށް ޑރ އަބްދުﷲ މައުސޫމް އައްޔަން ކުރައްވާ އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މަގާމުގެ ފަތްކޮޅު ޑރ އަބްދުﷲ މައުސޫމް ދެއްވާފައިވާ ކަމާށެވެ.
ޑރ އަބްދުﷲ މައުސޫމް މަގާމުގެ ހުވައިކުރެއްވުމާއި އެމަނިކުފަނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދަފްތަރު. ނަންބަރު 4336، އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފި— Ibrahim Hood (@MvSpokesperson) August 6, 2020
ޑރ އަބްދުﷲ މައުސޫމް އެންމެފަހުން އަދާކުރެއްވި މަގާމުތަކުތެރޭގައި ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަގާމުތަކުން މިއަދު ވަކިކުރައްވާފައެވެ.
ޑރ އަބްދުﷲ މައުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ހާސިލުކުރައްވާފައެވެ.
ޓްރިޒަމް މިނިސްޓްރީގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުންވަކި ކުރެއްވީ މިދިޔަ ޖުލައި މަހު 9 ވަަނަ ދުވަހުއެވެ. އަދި އެމަގާމު ވަގުތީގޮތުން ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އަލީ ވަހީދު އެމަގާމުން ވަކިކުރެއްވީ އިސްތިއުފާ ދެއްވުމުގެ ފުރުސަތު ދިނުމުން އިސްތިއުފާ ނުދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ