ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ރައީސް މައުމޫން ގޮވާލައްވައިފި

ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވަމުންގޮސް މި ބަލީގެ ނުރައްކާ ބޮޑުވަމުންދާތީ މި ބައްޔާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގިނަ ދުވަސްތަކެއް ވަންދެން ދެމެހެއްޓުމަށްފަހު ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމުން މި ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ. ލުއި ދިނުމާއެކު އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންނެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ނުރައްކާ އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މި ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި، ކޮވިޑާ ގުޅުންހުރި މަރުތައް އިތުރުވަމުންދާކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ނުރައްކާތެރި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސް މައުމޫން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، އެންމެ ފަހުގެ ތަފާސްހިސާބުގައި މި ބައްޔަށް މުޅިއެކު 33 މީހަކު އަލަށް ޕޮޒިޓިވްވެފައި ވެއެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2,468 އަށް އަރާފައެވެ. އަދި މި ބަލީގައި މިއަދު ފަތިހުގެ ވަގުތެއްގައި 80 އަހަރުގެ މީހަކު ނިޔާވެފައި ވެއެވެ. މިއާއެކު ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ މުޅިއެކު 12 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ