އަބްދުﷲ އަލީއަށް ވަކީލަކު އައްޔަނު ކުރަން ފަސް ދުވަސް ދިނުމަށްފަހު އަނބުރާ ޖަލަށް!

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ ބަހާރުގެ, އަބްދުالله އަލިމަނިކަށް ވަކީލަކު އައްޔަނު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު, އަނބުރާ ޖަލަށް ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަވަނަ ދުވަހުގެ ރޭ ދިން ޓެރެރިސްޓް ހަމަލާއަށްފަހު, ފުލުހުން ހިންގި އޮޕަރޭޝަނެއްގައި, އަބްދުالله އަލީ ހައްޔަރުކޮށްފައިވަނީ, ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރު ކުރީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އަބްދުﷲ އަލީގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި, ދައުލަތުގެ ފަރާތުން އެދިފައިވަނީ އަބްދުالله އަލީ, ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ގޮތެއް ނިންމާފައި ނުވަނީ, ވަކީލަކާއި އެކު ކުރިއަށް ދިއުމަށް އަބްދުالله އަލީ އެދުމުންނެވެ. އަބްދުالله އަލީގެ އިތުރުން, ހއ. ހޯރަފުށި، އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައެވެ. އޭނާގެ ބަންދަށް ވެސް ފަސް ދުވަސް އިތުރު ކުރުމަށްފަހު ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފަސް ދުވަސްދީފައެވެ. ހިމަންދޫ މައްސަލައިގައި އަލިމަނިކު 2008 ވަނަ އަހަރު 10 އަހަރަށް ޖަލަށްލި ނަމަވެސް، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ފިލައިފައެވެ. ދެހާސް ނުވަ ވަނަ އަހަރު އޭނާ ޖަލުން ފިލައިގެން ގދ. ތިނަދޫގައި އުޅެނިކޮށް، އެ ރަށުން އޭނާ ހައްޔަރުކޮށްގެން މާލެ ގެންދަނިކޮށް އޭނާ ވަނީ ވ. ފެލިދުއާ ހިސާބުން ބޯޓުން ކަނޑަަށް ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފައެވެ. ދެ ހާސް ދިހަ ވަނަ އަހަރުވެސް އޭނާ ޖަލުން ފިލިއެވެ. އެ އަހަރު އޭނާ ޖަލުން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކުރީ އޭގެ އަހަރެއް ފަހުން ތިލަފުށިންވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ ވަަރަށް ބޮޑަށް ސިފަ ބަދަލުކޮށްފައި ކަމަށް އޭރު ފުލުހުން ބުންޏެވެ. އޭނާ ދޫވެފައި ހުރީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ