މޫސުން ގޯސްވުމުން ގައްބެ ބްރޭކެއް ނަގައިފި

ކެޓަމަރަންއެއްގައި 21 ދުވަހުގެ ތެރޭގައި ރާއްޖެ ވަށައި ބުރެއް ޖެހުމުގެ ދަތުރު ފައްޓާފައިވާ އަބްދުލްގަފޫރު އަލީ (ގައްބެ)، މޫސުން ގޯސްވުމުން މިއަދު ބްރޭކެއް ނަގައިފި އެވެ. ގައްބެ ޓީމުގައި ހިމެނޭ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ގައްބެ ރޭ މަޑު ކުރީ ލ. ފޮނަދޫގައި ކަމަށާއި ނަމަވެސް މިއަދު ގއ. ވިލިގިއްޔަށް ދަތުރު ފައްޓަން ބެލި އިރު މޫސުން ތަން ނުދޭތީ މިއަދު ދަތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މޫސުން ރަނގަޅު ނަމަ އަލުން ދަތުރު ފައްޓާނީ މާދަމާ ކަމަށެވެ. އޭނާ ވިދާޅުވީ ގައްބެގެ ދަތުރުގައި ދެން ކަނޑައްތު ކުރަން އޮތީ، ރާއްޖޭގެ އެންމެ ބޮޑު ކަނޑު ހުވަދޫ ކަނޑު ކަމަށާއި އެ ކަނޑު ހުރަސް ކުރަން މިއަދު ބެލި އިރު، މޫސުމާ ބެހޭ އިދާރާ އިން ވެސް މިއަދު ދަތުރު ކުރުމަށް ލަފާ ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ ގައްބެ ދަތުރު ކުރާ ކެޓަމަރާންގައި ހުވަދޫ ކަނޑު ހުރަސް ކުރުމަށް ނުވަ ގަޑި އިރު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. ގައްބެ ޓީމުގެ އޮފިޝަލް ވިދާޅުވީ ގައްބެ ދަތުރު ކުރަނީ ހަތަރު މީހުންގެ ކެޓަމަރަންއެއްގައި ކަމުން އެއޭގައި އެކަނި ދަތުރު ކުރަން ޖެހުމުން ވެސް ނިގާރަމަށް މައްސަލަ ޖެހި ސްޕީޑް ނެގުމަށް ދަތިވާ ކަމަށެވެ. ގައްބެގެ ދަތުރު މާލެ އިން ފެއްޓީ މިދިޔަ އާދިއްތަ ދުވަހު އެވެ. ފުރަތަމަ ރޭ މަޑުކުރީ ވ. ކެޔޮދޫގަ އެވެ. ދެ ވަނަ ރޭ މ. ކޮޅުފުށީގައި މަޑު ކުރުމަށް ފަހު ތިން ވަނަ ރޭ އޭނާ މަޑު ކުރީ ތ. ގުރައިދޫގަ އެވެ. އަދި ރޭ ލ. ފުނަދޫގަ އެވެ. ގައްބެގެ ޓީމުން ބުނީ އެ ދަތުރު އައްޑުއާ ހަމައަށްކޮށް، ދެން ދަތުރު ކުރާނީ ރާއްޖޭގެ އުތުރަށް ކަމަށެވެ. އެނބުރި އުތުރަށް ދަތުރު ކުރާ އިރު މާލޭގައި މަޑު ނުކުރާނެ ކަމަށް އެ ޓީމުން ބުންޏެވެ. ގައްބެ އެސްޓިމޭޓް ކުރާ ގޮތުގައި ރާއްޖެ ވަށައި ކުރާ ދަތުރަށް 23 ދުވަސް ވަރު ނަގާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ