މިނިސްޓަރ އަބްދުﷲ ޝާހިދު، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓަރ ޝާހިދު، ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރައްވާފައިވަނީ އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ، ރައީސް ސޯލިހާއި، ދިވެހި ރައްޔިތުންގެ އިތުރުން އދގެ ނަމުގައި ބޮޑުވަޒީރު މޯދީއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުން ދަންނަވާފައެވެ.
އަދި ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިންޑިއާގެ ފަރާތުން ލިބެމުންދާ އެހީ ފާހަގަކޮށް އެކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، މިނިސްޓަރ ޝާހިދު ވަނީ އދ.ގެ އާންމު މަޖިލީހަށް އެމަނިކުފާނު އިންތިހާބު ކޮށްދިނުމަށްޓަކައި އިންޑިއާއިން ދިން އެހީ އާއި ތާއިދު ފާހަގުރައްވާފައެވެ.
އަދި، އދ.ގެ އާންމު މަޖިލީހަށް އިންތިހާބުވުމާއެކު މިނިސްޓަރު ޝާހިދުގެ ތަސައްވަރު ކަމަށްވާ "އުންމީދުގެ ރިޔާސަތު" އާއި ގުޅޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ވަނީ ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒް އާއި، ފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޗީފް ކެބިނެޓް ޑެޒިގްނޭޓް އެމްބެސެޑަރު ނަގަރާޖް ނައިޑޫ ވެވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ