ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާ އިން މިރޭ ކުޅުނު މެޗުގައި 2-0 އިން އޮސްޓްރޭލިއާ ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި 48 ގައުމުން ވާދަކުރާއިރު، ގްރޫޕް ސްޓޭޖަށް ފަހު ދެން އޮންނާނީ ގަދަ 32 ޓީމުގެ ބުރެވެ. އެ ބުރުގައި ކުޅޭނީ 12 ގްރޫޕްގެ ގަދަ ދެ ޓީމާއި ބާރަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ އަށް ޓީމެކެވެ. އެ ގޮތުން، ބާކީ މެޗެއް އޮއްވައި މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ޔަގީންކުރި އެއް ޓީމަކީ، މި ފަހަރުގެ އެއް ހޯސްޓް، މެކްސިކޯ އެވެ. ގްރޫޕް ޑީގައި، ޕެރަގުއޭ އާއި ތުރުކީ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ގަދަ 32 ގެ ޖާގަ ލިބޭ ދެ ވަނަ ޓީމަކީ އެމެރިކާ އަށް ވުމުގެ ފުރުސަތު އެބައޮތެވެ.
އެމެރިކާ އިން ވަނީ އެންމެ ފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 ބުރުގައި ކުޅެފަ އެވެ. އެއީ، ސައުތު އެފްރިކާގައި 2010 އާއި ބްރެޒިލްގައި 2014 އަދި ގަތަރުގައި 2022 ވަނަ އަަހަރު ބޭއްވި ވޯލްޑް ކަޕްތަކުގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިނުވެ އެވެ.
ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުތަކުން، އެމެރިކާ އިން ޕެރަގުއޭ ބަލިކުރިއިރު، އޮސްޓްރޭލިއާ އިން ވަނީ ތުރުކީގެ މައްޗަށް ކުރިހޯދައިފަ އެވެ. މެޗުން މޮޅުވެގެން ދެ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކުރަން ދެ ޓީމަށް ވެސް އޮތީ ހުޅުވިފަ އެވެ.
އެމެރިކާ އިން މި މެޗަށް ނުކުތްއިރު އެންމެ ބޮޑު ނުތަނަވަސްކަމަކީ، އެ ޓީމުގެ ތަރި، ކްރިސްޓިއަން ޕުލިސިޗްގެ ފަޔަށް ލިބުނު އަނިޔާއަކާ ހެދި މި މެޗުގައި ނުކުޅެވުމެވެ. އެކަމަކު، ޕެރަގުއޭ މެޗެކޭ އެއްގޮތަށް އެމެރިކާ އިން މި މެޗުގައި ވެސް ލީޑުނެގީ ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ގޮތުން، މެޗުގެ 11 ވަނަ މިނިޓްގައި، އޮސްޓްރޭލިއާގެ ކެމަރަން ބާގަސް އަތުން ބައިކޮޅަށް ލަނޑެއް ވަދެ، އެމެރިކާ އިން ލީޑުނެގި އެވެ.
އެކަމަކު، ޖެހިގެން އައި މިނިޓްގައި މެތިއު ލެކީ ވަނީ އޮސްޓްރޭލިއާ އަށް އެއްވަރުކޮށްދިނުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާ ރޮނގުކައިރިން ލެކީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ވެސް އޮސްޓްރޭލިއާ އަށް ކައުންޓަ އެޓޭކުގައި ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، އޮސްޓްރޭލިއާ އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި އެެމެރިކާ އިން ދެ ވަނަ ލަނޑު ޖަހައި ލީޑުފުޅާކުރި އެވެ. އެ ގޮތުން، މި ލަނޑު ޖެހީ އެމެރިކާގެ އަލެކްސް ފްރީމަން އެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑްވިތޯ ޔަގީންކުރުމަށް ފަހު އެވެ.
އޮސްޓްރޭލިއާ އިން ދެ ވަނަ ހާފަަށް ނުކުތީ ތިން ބަދަލެއް ގެނެސްގެންނެވެ. ބަދަލުތަކާ އެކު އޮސްޓްރޭލިއާގެ އެޓޭކް ރަނގަޅުވި އެވެ.
އެ ގޮތުން، އޮސްޓްރޭލިއާގެ ނެސްޓޯރީ އިރަކުންޑާ ދިން ބޯޅައަކުން އޭރިއާތެރެއިން ހުސްކޮށް ހުރެފައި، ކްރިސްޓިއަން ވޮލްޕާޓޯ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، އޭގެ ފަހުން ވެސް އެމެރިކާ އޭރިއާތެެރެއިން އޮސްޓްރޭލިއާ އަށް ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ.
އޮސްޓްރޭލިއާ ބަލިކޮށް އެމެރިކާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ