ރިޔާސީ ދެކޮމިޝަނަށް ބާރުދޭ ބިލަށް މައުމޫން ހަމީދުގެ ފާޑުކިޔުންތަކެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޝަނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް ބާރުދޭ ބިލަށް، މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ފާޑުވިދާޅުވެއްޖެއެވެ.
މި ދެކޮމިޝަނަށް ބާރުދޭ ބިލުގައި ހުރި ގާނޫނީ މައްސަލަތައް ފާހަގަކުރައްވާ، އެބިލަށް މައުމޫން ހަމީދު ފާޑުވިދާޅުވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.
މައުމޫން ފާހަގަކުރެއްވި ގޮތުގައި އެބިލް މިހާރު އޮތްގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނާއި އެބިލާއި މެދު ބޮޑެތި ތައާރަޒުވުންތަކެއް އަންނާނެއެވެ. އެގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބޭ ހުރިހާ ބާރުތަކެއް، އެ ކޮމިޝަންތަކަށް ލިބުމަކީ ގޯހެއް ކަމަށާއި، އެކޮމިޝަން އޮންނަން ވާނީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ގޮތުގައި ކަމަށް މަައުމޫން ވަނީ ވިދާޅުވެފައެވެ.
އަދި މި ގާނޫނުގެ ދަށުން ހަދަން ބުނެފައި ހުރި ގަވާއިދުތައްވެސް ޖިނާއީ އިޖުރާތުގެ ގާނޫނާ ފުށޫއަރާކަމަށްވެސް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މައުމޫން ހަމީދު ވަނީ ތަންތަނަށް ދަތުރުކުރުން މަނާކުރުމަށް ޕާސްޕޯޓް ހިފެހެއްޓޭނީ، ކޯޓު އަމުރަކުންކަމަށް ޖިނާއީ އިޖުރާތުގައި ބުނެފައިވީނަމަވެސް އަލަށް އެކުލަވާލާ ކޮމިޝަންތަކުންވެސް އެކަން ކުރެވިދާނެކަމަށް ބުނެފައިވާތީ، އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފު އަމަލެއްކަމަށްވެސް ބަޔާންކުރައްވާފައެވެ.
މީގެ އިތުރުންވެސް އެ ބިލްގަައި ހުރި ގިނަ ގާނޫނީ މައްސަލަތަކެއް މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
އެބޭފުޅާ ވިދާޅުވީ ކޮމިޝަންތައް އެކުލަވާލުމާއި މެދުގައި އެއްވެސް ތައާރުޒުވުމެއް ނެތްކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ ކަމުގެ އަސްލަށް ބުރޫނާރާނެ ގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ