ރައްޔިތުން ގޮތް ނިންމައިފި، އެ ނިންމުން ދަމަހައްޓާނަން: ސިފައިން

ދިވެހި ރައްޔިތުން ގޮތް ނިންމައިފިކަމަށާ އެ ނިންމުން ދަމަހައްޓާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) ބުނެފިއެވެ.
ރިޔާސީ އިންތިޚާބުން ބަލިވިނަމަވެސް ރައީސް ޔާމީން މަސައްކަތް ކުރަމުންދަނީ ސިފައިންނާއި، ފުލުހުންގެ އެހީތެރިކަމުގައި ގަދަބާރުން ވެރިކަމުގައި ހުންނެވުމަށްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއެންޑީއެފްގެ ތަރްޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވަނީ ގޮތް ނިންމާފައިކަމަށެވެ. އަދި އެ ނިންމުން ސިފައިން ދަމަހައްޓާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްވެސް ވިދާޅުވީ ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެކަމަށެވެ. އަދި އެއީ ސުވާލު އުފައްދަންޖެހޭނެކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބޮޑު ތަފާތަކުން ރައީސް ޔާމީންގެ މައްޗަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ކުރި ހޯއްދަވާފައިވާއިރު، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް ދިއުމަށް ޕީޕީއެމުން މަސައްކަތް ކުރަމުންދާކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި މިމައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން ފަސްކުރުމަށް އެޕާޓީން އީސީގައި އެދިފައިވާކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ