ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލަރޓް ނެރެފި

ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް މޫސުން ޣޮސްވެ، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކުރެވޭތީ އެސަރަހައްދުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ދެކުނުގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކުރެވޭތީ، މިއަދު ހެނދުނު 9:00 އިން 12:00އަށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައިވާ ކަމަށެވެ. މީޓިއޮރޮލޮޖިކަލް ސަރވިސް އިން ބުނީ، ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި މީގެ އިތުރުން މެދުތެރޭގެ ބައެއްރަށްތަކަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އުތުރު އަތޮޅުތަކަށް ވަރޭވެހުމުގެ ފުރުސަތު ކުޑަކަމަށްވެސް މެޓުން ބުންޏެވެ. އެ އިދާރާއިން ބުނީ، އުތުރާއި މެދުތެރޭ އަތޮޅުތަކަށް، އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުއަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އުތުރާއާއި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ، އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނޭ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ. ދެކުނު އަތޮޅުތަކަށް ބޯކޮށްވާރޭވެހި އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ ކަނދުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ