ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އަބްދުﷲ ސައީދު މިއަދު ހެނދުނު މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކަފާއިވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކި ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ސައީދު ދައްކާފައިވަނީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކަށެވެ.
ސުޕްރީމް ކޯޓުގައި އިންނަވަނިކޮށް އަބްދުﷲ ސައީދު ހައްޔަރުކުރީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. އަބްދުﷲ ސައީދު ހައްޔަރުކުރީ ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުގެ އޭރުގެ ހުރިހާ ފަނޑިޔާރުން ސޮއި ކުރައްވާ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުއްވި އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލި ބައެއް ދައުވާތަކުގެ ތެރެއިން ތިން ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރު ގެންދަވަނީ ތިން އަހަރާއި އެއް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް އުފުލި ބައެއް ދައުވާތަކުގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާތީ އުއްތަމަ ފަނޑިޔާރުގެ މަގާމު ވެސް ވަނީ ގެއްލިވަޑައިގެންފަ އެވެ.
ރިޝްވަތު ނަންގަވައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ އަބްދުﷲ ސައީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.
މިމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު މިމައްސަލަ ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ