ސައުތު އޭޝިއަން ގޭމްސް: 200 މީޓަރު ދުވުމުން ތިންވަނަ ހޯދާ ސާއިދު ލޯ މެޑަލް ހޯދައިފި

ނޭޕާލް، ކަތަމަންޑޫ: ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހި މެޑަލް ހޯދައިފި އެވެ. މިފަހަރުގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދާ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސައުތް އޭޝިއަން ގޭމްސްއަކުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ސާއިދު މިފަހަރުގެ 200 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ވަނީ ތިންވަނަ ހޯދައިފަ އެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝަރާތް ސްޓޭޑިއަމްގައި މިއަދު އޮތް 200 މީޓަރު ދުވުމުން ސާއިދު ލޯ މެޑަލް ހޯދީ 21.22 އިން ރޭސް ނިންމައިގެންނެވެ. އެއްވަނަ ހޯދި ޕާކިސްތާންގެ އުޒައިރް ރަހްމާން 21.15 އިން ރޭސް ނިންމި އިރު ދެވަނައަށް ދިޔައީ ސްރީ ލަންކާގެ ވިނޯޖް ސުރަންޖަޔާ އެވެ. މިއަދު އޮތް 200 މީޓަރު ދުވުމުން ސާއިދު ފައިނަލަށް ދަތުރު ކުރީ ހީޓުގެ ތިންވަނަ ހޯދައިގެންނެވެ. ސާއިދު އެ ދުވުން ނިންމާފައިވަނީ 21.83 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދާފައިވަނީ ޕާކިސްތާނުގެ ދުވުންތެރިޔާ މުހައްމަދު ޝަހްބާ އެވެ. އޭނާ ދުވުން ނިންމީ 21.64 ސިކުންތުންނެވެ. ދެވަނަ ހޯދާފައިވަނީ ސްރީލަންކާގެ ދުވުންތެރިޔާ ވިނޯޖް ސުރަންޖާޔާ އެވެ. ހަތަރުވަނަ ހޯދާފައިވަނީ އިންޑިއާގެ ދުވުންތެރިޔާ ސަޝިކާންތް އެވެ. އޭނާ ދުވުން ނިންމީ 22.21 ސިކުންތުންނެވެ. އިއްޔެ އޮތް 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދު ވަނީ 2016 ވަނަ އަހަރު ބޭއްވި 200 މީޓަރު ދުވުމުން ރިހިމެޑަލް ގެނެސްފައެވެ. އަދި 2015 ގައި ރީޔޫނިއަންގައި އޮތް އައިއޯއައިޖީގެ 100 މީޓަރު ދުވުމުން ރަންން މެޑަލް ކާމިޔާބުކޮށް ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދިން އިރު އެ މުބާރާތުގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވަނީ ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ