ގާޒީ އަލީ ރަޝީދު ރައީސް ޔާމީން ހައްޔަރު ކުރަން ގޮވާލި: އިދިކޮޅު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނޯ ލޯންޑަރ ކުރެއްވި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅޭ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަލީ ރަޝީދަކީ މީގެ ކުރިން އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލި ފަރާތެއް ކަމަށާއި، ގާޒީ އަލީ ރަޝީދު ބެންޗުން ވަކި ކުރަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. ޕްރޮގްރެެސިވް ކޮންގްރެސް ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަލީ ރަޝީދަކީ އެމަނިކުފާނާ ޒާތީ ހަސަދައެއް އޮންނަ ފަރާތެއް ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އަބްދުﷲ މުހައްމަދު ހުންނެވިއިރު، ގާޒީ އަލީ ރަޝީދު ރައީސް ޔާމީން ހައްޔަރު ކުރަންވެސް ގޮވާލި ކަމަށާއި، އޭނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު އާރަށަށް ވަޑައިގަންނަވާކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނާ ޒާތީވެފައިވާ ފަރާތަކަށް އެމަނިކުފާނުގެ މައްސަލަ އިންސާފުވެރިކަމާއެކު ނުބެއްލެވޭނެ ކަމަށާއި، އެހެންކަމުން އަލީ ރަޝީދު ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަކި ކުރަން ޖެހޭ ކަމަށެވެ. "އަބްދުﷲ ގާޒީއަށް އޭނަ (ގާޒީ އަލީ ރަޝީދު) އެބަ އޮތޭ ގޮވާލާފައި، މިހާރުން މިހާރަށް ޔާމީން ހައްޔަރު ކުރާށޭ" އަބްދުއްރަހީމް ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ދައުލަތުގެ ހުރިހާ ބާރަކުންވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ."ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލަށް އެކުލަވާލެވުނު ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަށްވެސް ނުފޫޒު ފޯރުވުމަށްވެސް މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް އެކި އެކި މަސްދަރުތަކުން އެބަ އެނގޭ. ރައްޔިތުންގެ މަޖިލިސް ތެރެއިން ކޯޓުތަކުގައި މިހިނގާ ޝަރީއަތަށް، ހާއްސަކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ފޯކަސްކޮށްގެން މި ހިންގާ ޖަރީމާތައް އަޅުގަނޑުމެންނަށް އެބަ ފެނޭ" ޝިޔާމް ވިދާޅުވިއެވެ.ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ގާޒީ އަލީ ރަޝީދު ވަނީ ރާއްޖެ ޓީވީއަށް ބަސްދީގަތުމެއް ދެއްވައިފައެވެ. އެއީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް ކުރެއްވި ކަމަކަށް ވާތީ، އަލީ ރަޝީދު ބަސްދީގަތުން ދެއްވި މައްސަލަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް، މިމަހުގެ 10 ވަނަ ދުވަހު އަމިއްލަ ފަރާތަކުން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެދިފައެވެ. އެހެންނަމަވެސް އެމައްސަލަ ނުބައްލަވާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެހެން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބެލޭ ކަމަށާއި، އެހެންނަމަވެސް އަލީ ރަޝީދުގެ މައްސަލަ ނުބަލައި ލަސް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހިންގުމާއިި މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިން ސޮއި ކުރައްވާ، މީގެ ހަތަރު ދުވަސް ކުރިން އާންމު ކުރެއްވި ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބެލުމަށް ކަނޑައަޅާފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް ކަމަށެވެ. އަދި އެ ބެންޗުގައި ތިއްބަވާނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހްމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އެ ބެންޗުގައި ސީނިއާ އެއްވެސް ފަނޑިޔާރެއް ނެތްކަން ފާހަަގަކޮށް، އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ