ބެލިންހަމްގެ ދެ ލަނޑުން އިންގްލެންޑް ސެމީ ފައިނަލަށް

ޖޫޑެ ބެލިންހަމްގެ ދެ ލަނޑުން އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގޮސް، ނޯވޭގެ ކުރިއެރުން މިރޭ ހުއްޓުވައިފި އެވެ. 
އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު ކްއާޓާ ފައިނަލްގައި ފުރަތަމަ ލީޑު ނެގީ ވެސް ނޯވޭ އެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނިޓްގައި އެންޑްރީސް ޝުޖެލްޑެރަޕް ހުރަހަކަށް ފޮނުވާލި ރީތި، ބާރު ބޯޅަ ގޯލަށް ވަނީ އިންގްލެންޑްގެ ގޯލުކީޕަރު ޖޯޑަން ޕިކްފޯޑުގެ އަތުގައި ވެސް ނުޖެހި ގޯލުގެ އަރިމަތީ ކަނަށެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަމިއްލަ ހުނަރުގެ މޮޅުކަމާ އެކު ބެލިންހަމް އިންގްލެންޑް 1-1އިން އެއްވަރުކޮށްދިނެވެ. އަދި ނަތީޖާ ނެރެން ކުޅުނު 30 މިނިޓްގެ ދެ ހާފު ފެށުމާ އެކު، ތިން ވަނަ މިނިޓްގައި ލަނޑު ޖަހައި، އޭނާ ވަނީ އިންގްލެންޑް ސަލާމަތްކޮށްދީފަ އެވެ. މިއީ މި ވޯލްޑް ކަޕްގައި އޭނާގެ ހަ ވަނަ ލަނޑެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މީގެ ކުރިން އިންގްލެންޑް ތިން ފަހަރު ކުޅުނެވެ. އެހެންކަމުން މިއީ ސެމީ ފައިނަލްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން:
1966: ޕޯޗުގަލް 2-1 އިން ބަލިކޮށް ފައިނަލަށް ގޮސް ޗެމްޕިއަންކަން ހޯދި
1990: އިޓަލީގައި އޮތް މުބާރާތުގައި ވެސްޓް ޖަރުމަން އަތުން ޕެނެލްޓީ ޖަހައިގެން ބަލިވި
2018: ރަޝިޔާގައި އޮތް މުބާރާތުގައި އިތުރު ވަގުތުގެ ދެ ހާފުގައި ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވި
މިއީ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި ނޯވޭ ކުޅުނު ފުރަތަމަ ފަހަރެވެ. ވަރުގަދަ ފޯވަޑް އާލިން ހާލޭންޑް ލަނޑުތަކުން މުބާރާތުގެ މިހާ ހިސާބަށް އައި ނަމަވެސް މިރޭ އޭނާ ފެނުނީ ނުރައްކަލެއް ނެތި އެވެ. އެހެންވެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި އޭނާ ބޭލި އެވެ.
މެޗުގެ 55 ވަނަ މިނިޓްގައި ނޯވޭގެ ކޯނަރަކުން ޓޯބްޖޯން ލިސަކާ ހެގެމް ޖެހި ލަނޑު، ވީއޭއާރު ބަލާފައި ލަނޑަކަށް ނުވީ، ކޯނަރު ނަގަން އުޅެނިކޮށް ހާލޭންޑް ކުރި ފައުލްއަކާ ގުޅިގެންނެވެ.
ބެލިންހަމްގެ ދެވަނަ ލަނޑުން އިންގްލެންޑަށް ލީޑު ނަގައިދިން ފަހުން އިންގްލެންޑަށް ލިބުނު ޕެނެލްޓީއެއް، ވީއޭއާރު ބަލައިފައި ކެންސަލް ވެސް ކުރި އެވެ.
ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗުތަކުގައި ޔޫރަޕްގެ ގައުމުތައް ކައިރިން ސަލާމަތްވުމަކީ އިންގްލެންޑަށް ތަދުކަމެވެ. މިރޭގެ މެޗުގެ ކުރިން ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ކުޅުނު ނޮކްއައުޓް ހަ މެޗުގެ ތެރެއިން ފަސް މެޗުން އިންގްލެންޑް އޮތީ ބަލިވެފަ އެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި އިންގްލެންޑް ކެޓީ ފްރާންސް އަތުން 2-1 އިން ބަލިވެގެންނެވެ.
އަނެއްކޮޅުން މިރޭގެ މެޗުގެ ކުރިން ވޯލްޑް ކަޕްގައި ޔޫރަޕްގެ ޓީމެއްގެ އަތުން ނޯވޭއަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. 
ސެމީ ފައިނަލްގައި އިންގްލެންޑް ނުކުންނާނީ މިއަދު ހެނދުނު ކުޅޭ އާޖެންޓީނާ އާއި ސްވިޓްޒަލެންޑްގެ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ