ވޯލްޑްކަޕް ވޯލްޑްކަޕް ހާލަންޑް މައިތިރިކޮށް، ބެލިންހަމްގެ ދެ ގޯލާއެކު އިންގްލެންޑް ސެމީއަށް

ވޯލްޑް ކަޕް 2026 ގައި ފަހަތުން އަރައި ނޯވޭ ބަލިކޮށް، އިންގްލެންޑުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ނޯވޭގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކަށް ކުޅެމުންދިޔަ ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ވަރުގަދަ ޑިފެންސަކާއެކު ކުޅެމުންދިޔަ ނޯވޭއަށް ވެސް ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
ހައިޑްރޭޝަން ބްރޭކަށްފަހު ނޯވޭ އިން އެޓޭކަށް މަސައްކަތްކޮށް، މެޗުގެ 36 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑު ހޯދިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ނޯވޭއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭސް ޝެލްޑެރަޕް އެވެ.
އޭގެ ފަހުން ވެސް ނޯވޭއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، އިންގްލެންޑުން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. އެންތަނީ ގޯޑަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ދިހަ މިނެޓު ފަހުން ކޯނަރެއްގެ ތެރެއިން ޓޯބްޔޯން ހެގެމް، އިންގްލެންޑްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭގެ ކުރިން އެލިއޮޓް އެންޑަސަންއަށް އާލިން ހާލަންޑް ފައުލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ގޯލު ބަލައިގެންފައެއް ނުވެއެވެ.
އޭގެ ފަހުން ނޯވޭގެ ކްރިސްޓޮފާ އަޔާގެ ހަމަލާއެއް ވެސް ފާހަގަކޮށްލެވުނެވެ. ކޯނަރެއްގެ ތެރެއިން އަޔާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިއަށެވެ. ރީބައުންސް ބޯޅައިން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
ވަރުގަދަ އެޓޭކަކާއެކު އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށި އިންގްލެންޑުން ވަނީ މެޗުގެ 93 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމަށް ނަތީޖާ ވެސް ހަމަހަމަކޮށްދިން ބެލިންހަމްއެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ބޭރުން މޯގަން ރޮޖާސް ފޮނުވާލި ހަމަލާ، އޯޔާން ނީލަންޑް މަތަކުރުމާއެކު ހުސްކޮށް ހުއްޓައި ލިބުނު ރީބައުންސް ބޯޅައިންނެވެ.
ހާލަންޑާ ނުލައި އިތުރު ވަގުތުގެ ދެވަނަ ހާފަށް ނުކުމެ ނޯވޭ އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައިވަނީ އިންގްލެންޑަށެވެ. އެގޮތުން ބުކަޔޯ ސަކާއަށް ލިބުނު ދެ ފުރުސަތަކާއި ޖެޑް ސްޕެންސަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ތިން ހަމަލާ ވެސް ނޯވޭގެ ކީޕަރު ނީލަންޑް ވަނީ މަތަކޮށްފައެވެ.
ސެމީ ފައިނަލުގައި އިންގްލެންޑް ނުކުންނަން ޖެހޭނީ ކުއާޓާގައި އާޖެންޓީނާ އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ