މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 12) - އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 2-1 އިން ނޯވޭ ބަލިކޮށް، އިންގްލެންޑުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ، އިންގްލެންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑުން ކުޅުނު 10 ވަނަ ފަހަރެވެ. އެކަމަކު، މިއީ، ނޯވޭ އިން ގަދަ އަށް ޓީމުގެ ބުރުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އިންގްލެންޑުން މުބާރާތުގެ ސެމީން ފުރުސަތު މި ހޯދީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށެވެ. ސެމީގައި އިންގްލެންޑުން ކުޅޭނީ އާޖެންޓީނާ އާއި ސްވިޒަލެންޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
MGH Group of Companies
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
ނޯވޭ އާއި އިންގްލެންޑްގެ ފަރާތުން މެޗު ފަށައިގެން ފުރަތަމަ 30 ވަރަކަށް މިނިޓް ހަަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި، ލީޑުނެގީ ނޯވޭ އިންނެވެ. މިއީ، މެޗުގެ 36 ވަނަ މިނިޓްގައި، ނޯވޭގެ އަންޑްރެސް ޝެލްޑްރަޕް އަރިމަތިން ނެގި ހުރަހެއް އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑް އަތްމަތިން ގޮސް ދަނޑީގައި ޖެހިފައި ވަން ގޯލެކެވެ.
ކައުންޓަ އެޓޭކުގައި ނޯވޭ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ލިބުނު ފުރުސަތުގައި އެ ޓީމުގެ އަލެކްސަންޑަ ސޯލޯތަށް ރަނގަޅު ބޭނުމެއް ނުކުރެވުނެވެ. ސޯލޯތު ޖެހި ޝޮޓް ބްލޮކްވިއިރު، އެ ބޯޅަ ފޮނުވާލަން އެރި އާލިން ބްރައުޓް ހާލަންޑަށް ދީގެން ޖަހަން ސޯލޯތުގެ ވިސްނުމެއް ނެތެވެ.
ނޯވޭ އިން ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލާނެ ކަމަށް ބެލެވުނު ނަމަވެސް އެ ގޮތަށް އެކަމެއް ނުވި އެވެ. އިންގްލެންޑުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، އެންތަނީ ގޯޑަން ދިން ބޯޅައެއް ކޮންޓްރޯލްކޮށް، އޭރިއާތެރެއިން ހަމަޖެހިލައިފައި ދުރު ކަނަށް ފޮނުވާލައިގެން ޖޫޑް ބެލިންހަމް ޖެހި ގޯލެކެވެ.
ދެ ވަަނަ ހާފުގެ ކުޅުން ފަށައިގެން، 10 މިނިޓް ތެރޭ ނޯވޭ އިން ދެ ވަނަ ލަނޑެއް ޖަހައިފަ އެެވެ. އެ ގޮތުން ޓޯބްޖޯން ލައިސަކާ ހެގެމް ޖެހި މި ގޯލު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ، ކޯނަރު ނެގުމުގެ ކުރިން، ހާލަންޑް ފައުލެއް ކޮށްފައިވާތީ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ ހަމަހަމަވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ، އިންގްލެންޑުން ލަނޑު ޖެހި އެވެ. މިއީ، އިންގްލެންޑުން ބަދަލަކަށް ކުޅެން އަރައި، މޯގަން ރޮޖާސް ޖެހި ބޯޅައެއް ނޯވޭގެ ކީޕަރު، އޮރްޖާން ނައިލަންޑް އަތުގައި ޖެހިފައި ނުކުތް ވަގުތު ބެލިންހަމް ވަނީ ރަނގަޅު ތަނަށް އަަރައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
އޭގެ ފަހުން، އިންގްލެންޑްގެ ޖެޑް ސްޕެންސް އަށް ނޯވޭގެ އޭރިއާތެރެއިން އެ ޓީމުގެ އޮސްކަ ބޮބް ކުރި ފައުލަކަށް ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި އެވެ. އެކަމަކު، ވީއޭއާރް އިން ބަލައިފައި ނިންމީ ފައުލެއް ނޫން ކަމަށެެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އިންގްލެންޑްގެ ސްޕެންސް އާއި ބުކާޔޯ ސަކާ، ފުލުފުލުގައި ޖެހި ދެ ޝޮޓް ކީޕަރު ނައިލަންޑް ވަނީ މަތަކޮށްފަ އެވެ.
ނޯވޭ ކަޓުވާލައި އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ