ސައިންސް މިނިސްޓަރަށް ދެ ނަމެއް ގާސިމް ފޮނުއްވައިފި

ހުސް ވެފައިވާ މިނިސްޓަރު އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް އައްޔަން ކުރައްވަން ދެ ބޭފުޅެއްގެ ޖޭޕީން ފޮނުވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރުގައި ސައިންސް މިނިސްޓްރީ މިހާތަނަށް އޮތީ ޖޭޕީއަށް ހާއްސަކޮށްފަ އެވެ. އެ މިނިސްޓްރީގައި ކުރީން ހުންނެވީ މުހައްމަދު މަލީހު ޖަމާލެވެ. ނަމަވެސް މާޗް 1، 2021 ގައި މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަލީހު ވަނީ މަގާމުން ދުރު ކޮށްފަ އެވެ. އެ ފަހުން އެ މިނިސްޓްރީއަށް މިނިސްޓަރަކު އައްޔަން ކޮށްފައެއް ނުވެއެވެ.
ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިހާރު ވަނީ ސައިންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ރައީސް ސޯލިހަށް ފޮނުއްވަވާފަ އެވެ. ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވެ ގާސިމް، ދެ ބޭފުޅެއްގެ ނަން ފޮނުއްވެވީ ރައީސް ސޯލިހްގެ އެދިވަޑައިގަތުމަކަށެވެ.
"ރައީސް ޔަގީންކަން ދެއްވާފައި ވަނީ ލީޑަރަށް [ގާސިމް އިބްރާހިމް] ސައިންސް މިނިސްޓަރުކަން އޮތީ އަދިވެސް ޖޭޕީއަށް ކަމަށް. އެހެންވީމަ ރައީސްގެ އެދިވަޑައިގަތުމަކަށް ދެ ބޭފުޅެއްގެ ނަން ވަނީ މިހާރު ރައީސަށް ފޮނުއްވާފައި،"
އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް މިފަހަރު ފޮނުއްވެވީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެވަޑައި ނުގަންނަވާ ތައުލީމީ ދާއިރާގެ ދެ ހިދުމަތްތެރިއެއްގެ ނަމެވެ. އެ ބޭފުޅުންނަކީ ގާސިމްގެ ވިލާ ކޮލެޖްގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވެސް އެނގިފައި ވެއެވެ.
ޖޭޕީގެ އޮފިޝަލް ވިދާޅުވީ ސައިންސް މިނިސްޓަރަކު ކަމަށް އެއިން ބޭފުޅަކު ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ގާސިމަށް ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯދަ މަސް ނިމުމުގެ ކުރީން އެއިން ބޭފުޅަކާ މިނިސްޓަރުކަން ހަވާލު ކުރައްވާނެ. ރައީސް ވެސް އަދި ގާސިމް ވެސް މި ފަހަރު ވިސްނެވީ ސިޔާސީ ގޮތުން ވަކި ފިކުރެއްގައި ކުރީން މަސައްކަތް ކޮށް ފަހުން އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއްގެ ނަން ނުފޮނުއްވުމަށް. އެހެންވެ ސިޔާސީ މަަސައްކަތުގައި ނޫޅުއްވާ އެކަޑަމިކް ދެ ބޭފުޅެއްގެ ނަން އެ ފޮނުއްވީ،" މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.
މި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ތިން މިނިސްޓަރަކު އެބަ ތިއްބެވި އެވެ. އެއީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެންވައިރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.
ކޯލިޝަން ޕާޓީތަކުގެ އެއްބަސްވުމުގައިވާ ގޮތުން ކެބިނެޓުން ހަތަރު ޖާގަ ޖުމްހޫރީ ޕާޓީއަށް ލިބެ އެވެ. ސަރުކާރު ފެށިގެން އައީވެސް އެހެނެވެ. ކުރީން ހެލްތް މިނިސްޓްރީއަކީ ވެސް އެ ޕާޓީއަށް އޮތް މިނިސްޓްރީ އެކެވެ. އެ މަގާމުގައި ފުރަތަމަ ހުންނެވީ ޖޭޕީގެ ފަރާތުން އަބްދުﷲ އަމީނެވެ. ނަމަވެސް ވެންޓިލޭޓަރުގެ މައްސަލަ ބޮޑުވެ އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން ބޮޑުވުމުން އަމީން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ފަހުން އެ ސްލޮޓް ނެގީ އެމްޑީޕީންނެވެ. އެ މަގާމަށް ހަމަޖެއްސެވީ އޭރު ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ކެރަފާ އަހުމަދު ނަސީމެވެ.
ކެބިނެޓްގައި ކުރީން ހިމެނިވަޑައިގެން ޖުމްްހޫރީ ޕާޓީގެ ތިން ވަޒީރުން -- އަވަސް ފޮޓޯ
މި ސަރުކާރުން މިހާތަނަށް ފަސް ވަޒީރަކު މަގާމުން ދުރުކޮށް ނުވަތަ އިސްތިއުފާ ދީފައި ވެއެވެ. އޭގެ ތެރެއިން ތިން ބޭފުޅަކު ނިސްބަތް ވަނީ ޖޭޕީއަށެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ސައިންސް މިނިސްޓަރަކަށް ކުރީން ހުންނެވި މުހައްމަދު މަލީހް ޖަމާލެވެ. އަމީން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އެ ނޫން ގޮތެއް ނެތުމުންނެވެ. އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް، ބޮޑެތި ތުހުމަތުތަކެއް ކުރެވުމުން ރައީސް އެންގެވީ އިސްތިއުފާ ދެއްވާށެވެ. އެކަން ނުކުރެއްވުމުން މަގާމުން ވަކި ކުރެއްވީ އެވެ. މަލީހުގެ މަގާމު ގެއްލިވަޑައިގަތީ އެމްޑީޕީ އިސްވެ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާ ފާސް ކުރުމުންނެވެ.
ސައިންސް މިނިސްޓަރަކަށް އައްޔަން ކުރައްވަން ދެ ބޭފުޅެއްގެ ނަން ރައީސް ސޯލިހަށް ފޮނުއްވާފައިވާއިރު ކެބިނެޓަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ރައީސް ސޯލިހް ވަނީ ފައްޓަވާފަ އެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ކޯލިޝަން ޕާޓީތަކަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބައެއް ވުޒާރާތަކާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރި ކަމަށް ވިދާޅުވި އެވެ. އަދި ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާ ހިންގުން ހަރުދަނާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވެއެވެ. އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމުގެ އިޝާރާތް ވެސް ދެއްވިއެވެ.
ބައެއް މަސްދަރުތަކުން ޔަގީން ކުރެވުނު ގޮތުގައި މި މެސެޖް ރައީސް ދެއްވީ އެކި ޕާޓީތަކަށް އެކި ގޮތަށެވެ. ބައެއް ޕާޓީތަކުގެ ލީޑަރުންނާއި ގުޅުއްވާ އެ މަޝްވަރާތައް ކުރެއްވި އެވެ. ބައެއް ޕާޓީތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވާ ސިޓީއެއް ފޮނުއްވެވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ