މަޖިލީހުގައި އެންމެ ގަދަވީ އުމަރު ހައްޔަރުކުރަން ގޮވާލި އަޑު

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާ އެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނެ އާންމުކުރި ލިޔުމުގެ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން މިއަދު ގޮވާލައިފި އެވެ. އެ އެގްރީމަންޓުގެ ޑްރާފްޓް ކޮޕީ ކަމަށް ބުނެ ލިޔުމެއް އާންމުކޮށް "ދޮގު ހަބަރު" ފެތުރި މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލައި މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ވަނީ އެ ލިޔުން އާންމުކުރީ އޭނާ ކަމަށް ރޭ ވިދާޅުވެފަ އެވެ. އަދި އެ ލިޔުމަކީ ތެދެއްކަމަށާއި އެކަމާ ގުޅޭ މައުލޫމާތު މިއަދު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މައްސަލައަށް ބަހުސް ކުރައްވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވީ ކޮންމެ ކަމެއް ސިޔާސީކޮށް، ރައްޔިތުންގެ ތެރޭގައިފިތުނަ އުފައްދައިގެން ކަންކަން ރަނގަޅު ނުވާނެ ކަމަށެވެ. އެހެންކަމުން އުމަރަށް ފިޔަވަޅު އަޅަން މެމްބަރު ގޮވާލެއްވި އެވެ. "އަޅުގަނޑު ގޮވާލަން މި މަޖިލީހަށް ވެސް އަދި ސަރުކާރަށް ވެސް މިހާރުން މިހާރަށް އުމަރު ނަސީރަށް ފިޔަވަޅު އަޅަންޖެހޭނެ. އުމަރު ނަސީރަކަށް ފޭކު، މި ވައްތަރުގެ އެގްރީމަންޓުގެ ކޮޕީއެކޭ ކިޔައިގެން ނެރެގެންނެއް ރައްޔިތުން ތެރޭގައި ފިތުނަ ފަސާދަ އުފައްދާކަށް ނޫޅެވޭނެ،" ދޮންބިލަތް ވިދާޅުވި އެވެ. ދޮންބިލަތް ވަނީ އެ ލިޔުން އާންމުކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ކުރި ބަޔަކަށް ފިޔަވަޅު އަޅާދިނުމަށް ގޮވާލައިފަ އެވެ. މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ މި މައްސަލައިގައި އެންމެ ބޮޑަށް ހިފައިގެން އުޅޭ އެކަކީ އުމަރު ކަމަށާއި، އުމަރަކީ ރާއްޖޭގެ ދިފާއީ ބާރު ހިފުމަށްޓަކައި ރައްޔިތުންނަށް ވަސްވާސް ދީގެން އެތަނަށް އެރޭނެ ގޮތްތަކާއި، ޗާޓު ކުރަހައި، ހަރުގަނޑު ބަހައްޓައިގެން އެރޭނެ ގޮތްތައް ވެސް ކިޔައިދެމުންދިޔަ އެކަކު ކަމަށެވެ. "އަޅުގަނޑުވެސް ގޮވައިލަން، މި ވަގުތު ސިޔާސީ ލީޑަރެއްގެ ސިފައިގައި ހުރި މީހާ ހައްޔަރުކުރަން،" މެމްބަރު ނަސީރު ވިދާޅުވި އެވެ. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވިދާޅުވީ ގައުމަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ، ގައުމު ފަސާދަކުރަން ދޮގު ހަދާ މީހުން މިނިވަންކަމާއެކު ރަށު ތެރޭގައި އުޅުން ކަމަށެވެ. ހަގީގަތާ ހިލާފަށް ރާއްޖޭގެ ސަލާމަތާ ގުޅޭ ގޮތުން ވާހަކަތައް ދައްކައި، ރާއްޖޭގެ ސަލާމަތް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރާ މީހުންނާ ދޭތެރޭ އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ގޮވާލެއްވި އެވެ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ މިއީ އުމަރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަޑީގައި ތިބެގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށެވެ. "އެހެންވީމަ މިކަން ހަގީގަތުގައި އަޅުގަނޑުމެންނަށް ބެލެން އެބަ ޖެހޭ. މިފަދަ ގޮތްގޮތަށް ރާއްޖޭގެ މަސްލަހަތު ގެއްލޭ ގޮތަށް އެއްބަސްވުތައް ލީކު ކުރާ ނަމަ އަޅުގަނޑުމެން ގާނޫނާއި ގަވާއިދުގެ ތެރެއިން އުމަރާ ދޭތެރޭގައި ވެސް އަޅަންޖެހޭ ފިޔަވަޅެއް ހަގީގަތުގައި މިއަދު އަޅަން އެބަޖެހޭ،" ވިސާމް ވިދާޅުވި އެވެ. އުމަރުގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސއަށް ނިސްބަތްވާ ފަރާތްތައް ހައްޔަރުކުރުމަށް ވެސް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް މިއަދު ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ