ނަޝީދު އުޅުއްވަނީ ރައްޔިތުން ނޫނެކޭ ބުނުމުން ހަޖަމް ނުވެގެން: އަދުރޭ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނެފައިވާ ކަމަށާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އެކަން ހަޖަމް ނުކުރެއްވިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ އިންތިހާބީ މަރުކަޒު، ބާޖަމާލުއްދީނަށް ނަޝީދު އާއި އެމްޑީޕީގެ އިސްވެރިން ވަޑައިގަތުމުން އެ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.
މިކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ނަޝީދު އުޅުއްވަނީ ވޯޓު ފޮށި ތަކުގެ ތެރެއަށް އަތް ބާނައިގެން ވޯޓު އޮޅުވާލުމަށް ކަމަށާއި ނަމަވެސް ވޯޓު ގަޑުބަޑު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ވޯޓު އޮޅުވާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި މާދަމާ އިރު އަރަންދެން އިންތިހާބީ މައި މަރުކަޒުގައި ތިބެންޖެހުނު ނަމަވެސް އެކަމަށް ޖާގަ ނުދެއްވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން ކައުންސިލް އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނެފައި ކަމަށާއި ނަޝީދު އުޅުއްވަނީ އެކަން "ހަޖަމު" ކުރެއްވުމަށް ދަތިފުޅުވެގެން ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.
އެ ސަރަހައްދުން ނަޝީދު ވަޑައިގަތް ނަމަވެސް އަދިވެސް ގިނަ އަދަދަކަށް އާންމުން އެ ސަރަހައްދަށް ވަނީ ޖަމާވެފައެވެ. އިންތިހާބީ މައި މަރުކަޒުގެ ތެރޭގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އީސީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނުމަށް ނިންމާފައެވެ. ވޯޓު ފޮށިތަކެއް ގުނަނީ ވަގުތީ ނަތީޖާ ކަށަވަރުކުރުމަށް ކަމަށް އީސީން ބުނެއެވެ. އެގޮތުން ވޯޓު ފޮށިތައް އަލުން ގުނުމަށް ހަމަޖެހިފައި އޮތީ މެންދުރު 01:30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ