ހުޅުމާލޭ ގޭޓްވޭ ސްކޫލް- ދިވެހިން ކްރިސްޓިއަން ކުރުވުމުގެ ގޭޓްވޭ އަކަށް؟

ހުޅުމާލޭގައި މިއަހަރު ހުޅުވާ ގޭޓްވޭ އިންޓަރނޭޝަނަލަކީ ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް ހުޅުވާ "ގޭޓްވޭ" އެއް ކަމަށް ސްކޫލުގެ ބައެއް ބެލެނިވެރިން ތުހުމަތުކުރަމުން އެބަ ގެންދެއެވެ.
މިއަދުނޫހާއި މައުލޫމާތު ހިއްޞާކުރި ބައެއް ބެލެނިވެރިން ވަނީ ގްރޭޑް ،1 ،2 3 ގެ ބައެއް ފޮތްތައް ހިއްޞާކޮށްފައެވެ. އެފޮތްތަކުގައި ހުރި މައުލޫމާތަކީ އިސްލާމް ދީނުގެ ތުއްތު ކުދިންނަށް ކިޔަވައިދޭން އެއްގޮތަކަށް ވެސް ހެޔޮ ނުވާނެ މައުލޫމާތު ކަމަށް ބެލެނިވެރިން ބުނާއިރު ފޮތްތައް ބެލުމުން އެކަން ޤަބޫލުކުރެވެއެވެ.
ފައްޅިތަކާއި ޕޯޕާއި ނައިޓޭންޖެލްގެ ވާހަކަތައް ކުރިއަށް ނެރެ ކްރިސްޓިއަން ދީނުގެ މަތިވެރިކަން ބަޔާންކޮށްދިނުމަށް ފޮތްތަކުގައި ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ދެ ފައްޅީގެ ތަފާތު ހޯދަން ދިރާސާކުރަންޖެހޭ ޞަފްހާތައްވެސް އެބަހުއްޓެވެ.
ގްރޭޑް ،1 ،2 3 ގެ އުމުރުގައި ކުދިންގެ ސިކުނޑިއަށް ވައްދައިދޭ ކޮންމެ އެއްޗަކީ އެކުއްޖެއްގެ ސިކުނޑީގައި ވަރުގަދައަށް ހަރުލާނެ އެއްޗެކެވެ. އެއީ މިހައިތަނަށް ކޮށްފައިވާ ހުރިހާ ދިރާސާތަކުން ވަރަށް ރަނގަޅަށް އެނގޭ ކަމެކެވެ. ދުނިޔެ ދެބަސް ނުވާ ހަގީގަތެކެވެ.
އެހެން ދީންތަކުގެ މައުލޫމާތާއި އެހެންދީންތަކުގެ ބޮޑުންގެ މައުލޫމާތު ކުދިންގެ ސިކުނޑިއަށް ވައްދަން ޖެހޭނީ އެކުދިންގެ ސިކުނޑި އެވަރަށް ބޮޑުވެ ތަޝައްރަފު ފުދުމުންނެވެ. އެންމެ ތުއްތުއިރުގައި އެއީ ކުރަން އެއްގޮތަކަށްވެސް ހެޔޮވާނެ ކަމެއް ނޫނެވެ.
ރާއްޖެއަށް އެތެރެކުރާ ފޮތްތައް އެތެރެކުރެވެން ޖެހޭނީ ބަލައިފާސްކޮށްގެން ކަމަށްވާއިރު މިފަދަ ފޮތްތަކެއް އެތެރެކުރެވުނު ސަބަބާއިމެދުވެސް ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
"ބަލައި ފާސްނުކުރަނީސް ބެހީ؟ އަވަހަށް ބެލެނިވެރިން ބޭނުންވެގެން އުޅޭތީ ބެހީ؟" މިއީ އެއްވެސް އުޒުރުތަކެއް ނޫނެވެ. އެހެން ދީންތައް ޕްރަމޯޓްކުރާ ފޮތްތަކާއި ލިޔުންތައް ޢާންމު ރައްޔިތުންގެ އަތްމައްޗަށް އެރުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފްކަމެކެވެ. ރާއްޖެއަށް އެފަދަ އެއްވެސް އެއްޗެއް އެތެރެކުރެވޭނެ ނުވަތަ އެތެރެކުރަން ހުއްދަކުރެވޭނެ އެއްވެސް މައްދާއެއް ރާއްޖޭގެ ޤާނޫނު އަސާސީގައި އޮތްނަމަ ޤަނޫނީ ވަކީލަކު އެކަން އަންގަވައިދެއްވުން ރަނގަޅެވެ. ނުވަތަ ސަރުކާރުގެ އިދާރާއަކުން ނަމަވެސްމެއެވެ. އެހެންކަމުން ފުރަތަމަ ބަލަންޖެހޭ އެއްކަމަކީ މިބާވަތުގެ ފޮތްތަކެއް ރާއްޖެއަށް އެތެރެކުރެވުނު ގޮތެއްކަން ފާހަގަކުރެވެއެވެ.
ގޭޓްވޭ އާއި ސްކޫލް ހަވާލުކުރީ ވަރަށް ފަހުންނެވެ. ނަމަވެސް އެއިގެ މާނައަކީ އެކަން އުޒުރަކަށް ދައްކައި ރާއްޖޭގައި އެހެން ދީންތައް ފަތުރަން ފުރުޞަތު ދިނުން ނޫންކަން ވެސް ފާހަގަކުރެވެއެވެ.
ދަރިން އިސްލާމް ދީނުގައި ބައިތިއްބަން ބޭނުންނަމަ ގޭޓްވޭ އާއިމެދު ގޮތެއް ނިންމަން މިވަނީ ޖެހިފައެވެ. ބައެއް ބެލެނިވެރިން މިހާރު ތިބީ ހަތަރު އަނގޮޅިއެއްގައެވެ. ކުދިން ސްކޫލަށް ވެއްދުމަށް ބޮޑު ހޭދައެއް ކުރެވިއްޖެއެވެ. އެހެން ސްކޫލުތަކުން ޖާގަ ހޯދުން މިހާރު އެހައި ފަސޭހައެއް ނޫނެވެ.
އެސްކޫލުގެ ބިންގާ އެޅިގެންމިއައި ގޮތުން އެސްކޫލުން ރާއްޖޭގައި ކުރާނެ މަސައްކަތްތައް މިވަނީ ވަރަށް ފުރިހަމައަށް ހާމަވެފައެވެ. ޤާނޫނަށް މަލަމަތި ރީތިކުރިނަމަވެސް ފަރުދާގެ ފުރަގަހުގައި ކުރާނެ މަސައްކަތްތަކާއިމެދު މިވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.
މިފަދަ ބޮޑު ޖަރީމާއެއް ނުވަތަ ލާދީނީ އަމަލެއް މިއިން ޒަމާނެއްގައިވެސް ރާއްޖޭގައި ހިންގާފައި ނެތުމުން އެޑިޔުކޭޝަން މިނިސްޓްރީއަށް މިކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވުނީކަމަށް ވެދާނެއެވެ. މި ފޮތްތަކަކީ ރާއްޖޭގެ ގޭޓްވޭ ސްކޫލަށް ޚާއްޞަކޮށްގެން ޗާޕުކުރި ފޮތްތަކެއް ނޫނެވެ. ގޭޓްވޭ ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަ ފޮތްތަކެވެ. އެހެންކަމުން މިފޮތްތައް ކުރިއާލައި ހުށަހަޅައި ފާސްކުރަން ނުޖެއްސުނުކަން އެއީ މި ބޮޑު ލާދީނީ ޖަރީމާ ހިންގެން މަގުފަހިވި އެންމެ ބޮޑު ސަބަބެވެ.
ދިވެހިން ސްކޫލްތައް އިންޓަރނޭޝަނަލް ކުރަން ބޭނުންވަނީ ދިވެހިންގެ ދީން އިންޓަރނޭޝަނަލް ކުރުމަކަށް ނޫނެވެ. ރާއްޖޭގެ ޤާނޫނު އަސާސީ އާއި އެޑިޔުކޭޝަން މިނިސްޓްރީީގެ މަންހަޖުތަކާއި އެއްގޮތަށް އިސްލާމީ އުޞޫލުން ތައުލީމު ދިނުމަށެވެ. ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް ތައުލީމް ދޭންޖެހޭނީ ސަރުކާރުގެ މަންހަޖާއި ތައާރަޒް ނުވާނެ ގޮތަކަށެވެ.
ބެލެނިވެރިން ބުނީ ފޮތް ލިސްޓް ދޫކުރިއިރު އޮތީ ބޭރުބަހަކަށް ޗައިނާ ބަސް ކިޔަވައިދޭ ގޮތަށް ކަމަށާއި އެއަށްފަހު މަޝްވަރާވެސް ނުކޮށް ވައިބަރގްރޫޕެއްގައި ޖަހައިލުމަށްފަހު ފަރަންސޭސި ބަހަށް ބަދަލުކޮށްފައިވާ ކަމަށެވެ. ފަރަންސޭސި ބަސް ކިޔަވައިގެން ރާއްޖެއިން ލިބޭނެ ފައިދާއަކަށްވުރެ ޗައިނާ ބަސް ކިޔަވައިގެން ކުރާނެ ފައިދާ ބޮޑުކަން ވެސް މިއަދުނޫހަށް މައުލޫމާތުދިން ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ.
"ރާއްޖޭގެ ހުރިހައި ވިޔަފާރިއެއް ގުޅެމުން މިދަނީ ޗައިނާ އާ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން. ކޮން ކުރިއެރުމެއްތޯ އަޅުގަނޑުމެންނަށް ލިބެން އޮތީ ފަރަންސޭސި ބަސް ކިޔަވައިގެން ޗައިނާ ބަހާ އެއްފެންވަރުގަ؟" ބެލެނިވެރިން ވަނީ ސުވާލު އުފައްދައިފައެވެ.
މިއީ ހަމައެކަނި ގްރޭޑް 3 ގެ ފޮތްތައް އަތުލައިގެން ނިމެން އޮތް މައްސަލައެއް ނޫންކަން ފާހަގަކުރަންޖެހެއެވެ. އެއަށްވުރެ ބޮޑަށް މިކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭނެކަންވެސް ޤަބޫލުކުރަންޖެހެއެވެ. މިފަދަ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުން ދަރިވަރުންގެ ސިކުނޑި ދޮވެލަން ބޭނުންކުރާނެ އުކުޅުތަކަށްވެސް ފުންކޮށް ވިސްނައި ފިޔަވަޅު އަޅަން ޖެހޭކަމަށް ޤަބޫލުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ