އަބްދުﷲ ރަސްގެފާނުގެ ޖަނާޒާ ބާއްވައިފި

ރިޔާޒް (ޖެނުއަރީ 23) - އާލާސްކަންފުޅާ ގިނަ ދުވަސްތަކަކު އުޅުއްވުމަށް ފަހު އުމުރުފުޅުން 90 އަހަރުގައި ރޭ ފަތިހު އަވަހާރަވި ސައުދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒުގެ ޖަނާޒާ މިއަދު ހަވީރު ބާއްވައިފި އެވެ. އަބްދުﷲ ރަސްގެފާނުގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ ރިޔާޒުގެ އިމާމް ތުރްކީ ބިން އަބްދުﷲ މިސްކިތުގައި މިއަދު އަސްރު ނަމާދަށް ފަހު އެވެ. ކަށު ނަމާދަށް ފަހު އަބްދުﷲ ރަސްގެފާނު ފަސްދާނުލުން އޮތީ ރިޔާޒުގެ އަލް- އުދު ގަބުރުސްތާނުގަ އެވެ. ރަސްގެފާނު އަބްދުﷲ ގެ ޖަނާޒާގައި އާ ރަސްގެފާން ސަލްމާނާއި އަބްދުﷲ ރަސްގެފާނުގެ ދަރިކަލުން އަދި ނޭޝަނަލް ގާޑް މިނިސްޓަރު ޕްރިންސް މިތާބު ބިން އަބްދުﷲ އާއި ސައުދީ ޝާހީ އާއިލާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ ވެރިން ވެސް އަބްދުﷲ ރަސްގެފާނުގެ ޖަނާޒާ އަށް ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފާއި ސުދާނާއި އިތިއޯޕިއާ އަދި ގަލްފުގެ ގިނަ އަދަދެއްގެ ވެރިން ހިމެނިވަޑައިގަންނެވި އެވެ. ގަލްފުގެ ގައުމުތަކުގެ ވެރިންގެ ތެރޭން ބަހުރޭނުގެ ރަސްގެފާން ހަމަދާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އާއި ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު ހިމެނިވަޑައިގަންނަވަ އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވެސް ވަނީ މަތީ ފެންވަރުގެ ވަފުދެއް އަބްދުﷲ ރަސްގެފާނުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ