ބަޣާވާތެއް ނުކުރަން، އެކަމަކު ނަޝީދު އިސްތިއުފާ ދޭން ދެންނެވިން: ގާސިމް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ފައިބައިވަޑައިގަތުމަށް ދެންނެވި ކަމަށާއި ނަމަވެސް ބަޣާވާތެއް ނުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިިމް ރޭ ނ. މަނަދޫގައި ފާޑުވިދާޅުވެއްޖެ އެވެ. ގާސިމް ވިދާޅުވީ ނަޝީދު ވެރިކަމަށް ގެންނެވީ އޭނާގެ ވެސް ވަރަށް ބުރަ މަސައްކަތަކުން ކަމަށެވެ. އެހެންކަމުން ގާނޫނާ އަސާސީއާ ނަޝީދު ޚިލާފުވުމުން ވެރިކަމުން ފައިބައިވަޑައިގަތުމަށް ދެންނެވުމުގެ ހައްގު އޭނާ އަށް އޮންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެއީ ބަޣާވާތެއް ކަމަށް ސިފަނުކުރެވޭނެ ކަމަށެވެ. "އަޅުގަނޑު އޭނާ އަށް ދެންނެވިން ވެރިކަމުން ފޭބުމަށް. އެ ހައްގު އަޅުގަނޑަށް އޮންނާނެ. އަޅުގަނޑު ރައްޔިތުން ކައިރީ އާދޭސްކޮށްގެން މީނާ ހޮވީ. ހޮވީމާ ގާނޫނު އަސާސީއާ ހިލާފަށް ކަން ކުރީމާ އަޅުގަނޑަށް ބުނެވޭނެ ފައިބާށޭ. އަޅުގަނޑު ބޮޑު ބަޣާވާތެއް ހިންގީއެއް ނޫން. ބަޣާވާތްކުރީ އޭނާ އާއި އޭނާގެ އާއިލާ މީހުން،" ގާސިމް ވިދާޅުވި އެވެ. ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ އާއިލާގައި ބަޣާވާތް ކުރުމުގެ ތާރީޚެއް އޮތް ކަމަށެވެ. އެގޮތުން ބަޑި އާއި އެހެނިހެން ޒާތުގެ ތަކެތި ރާއްޖެ ގެނެސްގެން ބަޣާވާތް ކުރުމުގައި ނަޝީދުގެ ކާފައިން ފެށިގެން ގޮސް ބައްޕަޔާ ހަމަޔަށް ހިމެނޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގާސިމްގެ އާއިލާގައި އެފަދަ ތާރީޚެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުގެ ކާފައިން ފެށިގެން ގޮސް ވެސް އެފަދަ ރެކޯޑެއް ނޯންނާނެ... އެދުވަހު ވެސް [ފެބުރުއަރީ ހަތް ވަނަ ދުވަހު] އަޅުގަނޑު އެތަނަށް ދިޔައީ ވެސް ގުޅާފައި ބުނުމުން. ދެން އަޅުގަނޑު ލޭއޮހޮރުވުމެއް ނެތި އެކަން ނިމުނީމައި އިސްލާމީ ރިވެތި އުސޫލުގެ މަތިން ސަލާމް ކުރިން. އެއީކީ މައްސަލައެއް ނޫން. މައްސަލައަކަށް ހަދައިގެން ކުޑަކުދިންގެ ކައިރީ ދައްކާ ގޮތަށް މީނާ ވާހަކަ ދައްކަނީ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަޝީދު ކުރައްވާނެ ކަމަށް ވައުދުވި ކަމެއް މިހާތަނަށް ކުރެވިފައި ނެތް ކަމަށެވެ. އަދި އެންމެ ފަހުން ވެރިކަމުން އިސްތިއުފާ ދެއްވީ ގައުމު ބަނގްރޫޓްވެ ވެރިކަން ނުހިންގިގެން ނަޝީދު އަމިއްލަ އަށް ރާއްވަވައިގެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެހެން ދީންތައް ފެތުރުމާއި ދިވެހިންނާއި ބީރައްޓެހި އާދަތައް ގެނައުމާއި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާ ފަދަ ވާހަކަތައް ބޭރު ދުނިޔޭގައި ފަތުރަމުން ދަނީ ސީދާ އެމްޑީޕީ އަޑީގައި އޮވެގެންނެވެ. "ތިބޭފުޅުން ފިސާރި ވިސްނަވަން ވާނެ މީނާ ދައްކާ ވާހަކަތަކަށް. މިފަދަ ވާހަކަތައް ދައްކަމުން މީނާ މިގެންދަނީ. މިކަންތައްތަކާ މެދު އަޅުގަނޑުމެން ވިސްނަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ. އެމްޑީޕީ އަށް މެންބަރުން އިތުރު ކޮށްފައި ވަނީ މަކަރު ހަދައި އޮޅުވާލައިގެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެގޮތުން އޭނާގެ އަނބިކަނބަލުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް މޫސާ އަންވަރުގެ ނަން ވެސް އެމްޑީޕީގެ ދަފްތަރުގައި އޮތް މައްސަލަ ފެންމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ އެމްޑީޕީ އަށް ސޮއި ކުރައްވައިގެން ތިއްބެވި ބޭފުޅުން ނޫންކަން ކަށަވަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ