ވޯލްޑް ކަޕް ފައިނަލް ނިމުނު ފަހުން މަޖިލިސް ޖަލްސާއެއް ނުބާއްވާ؛ ކީއްވެ ކަމެއް ނުބުނޭ

ވޯލްޑް ކަޕްގެ ފައިނަލް މެޗު ނިމުނު ފަހުން މަޖިލީހުގެ ޖަލްސާ ނުބާއްވާތާ ދެ ދުވަސް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އޭގެ ފަހުން އަދި މަޖިލީހުގެ ޖަލްސާއެއް ނުބާއްވަ އެވެ. ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު އެވެ.
ތަފްސީލު - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ޖަލްސާ ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. ގަވައިދުގައިވާ ގޮތުން އިއްޔެ އަދި މިއަދަކީ ޖަލްސާ ބާއްވަން ޖެހޭ ދުވަހެކެވެ. ނަމަވެސް މެންބަރުންނަށް ސަބަބެއް ނާންގާ މި ދެ ދުވަހު ވެސް ޖަލްސާ ބާއްވާފައެއްނުވެ އެވެ.
ޖަލްސާ ނުބާއްވާ ސަބަބާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއާ 'ދައުރު'ން މިއަދު ސުވާލު ކުރި ނަމަވެސް ސީދާ ޖަވާބެއް އަދި ނުލިބެ އެވެ.
"ޖަލްސާ ދެން އޮންނާނެ ތާރީހެއް ފަހުން އަންގާނެ ވާހަކަ ދަންނަވަން،" ޖަލްސާ ނުބާއްވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން މަޖިލީހުގެ އޮފިޝަލަކު ވިދާޅު އެވެ.
ބައެއް މެންބަރުންނާ 'ދައުރު'ން މިއަދު ސުވާލު ކުރުމުން ވިދާޅުވި ގޮތުގައި، ޖަލްސާ ނުބާއްވާ ސަބަބެއް މަޖިލީހުގެ އިދާރާއަކުން މެންބަރުންނަށް ނާނގަ އެވެ.
"ނޭނގެ ކީއްވެގެން ކަމެއް ޖަލްސާ ނުބާއްވަނީ. އިއްޔެ ޖަލްސާ ނެތްކަން އެނގުނީ ވެސް މަޖިލިސް އިދާރާއަށް ދިޔައީމަ،" އެއް މެންބަރަކު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެ މަނިކުފާނުގެ ބަހެއް ނުލިބެ އެވެ.
އެންމެ ފަހުން ބުދަ ދުވަހު ޖަލްސާ ނިންމާލި އިރު، ރިޔާސަތުގައި އިންނެވީ އަބްދުއްރަހީމް އެވެ. އެހެން ދުވަސް ދުވަހު ޖަލްސާ ނިންމާލައްވަމުން ދެން ޖަލްސާ އޮންނާނެ ދުވަހެއް ރިޔާސަތުން އިއުލާން ކުރެ އެވެ. ނަމަވެސް ބުދަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން ދެން ޖަލްސާ އޮންނާނެ ތާރީހެއް އަބްދުއްރަހީމް ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ