ސަބްސިޑީތަކަށް މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެ މިހާތަނަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުގެ އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ސަބްސިޑީއަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 86 ޕަސެންޓުގެ އިތުރުވެފަ އެވެ. ފިނޭންސުން ބުނި ގޮތުގައި ސަބްސިޑީ ހޭދަ މިހާ ބޮޑަށް އިތުރުވީ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވުމެވެ.
އެ ގޮތުން ތެލުގެ ސަބްސިޑީއަށް މިދިޔަ އަހަރު 702.1 މިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރު އެ އަދަދު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވީ އިރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލާއި ސާފުކުރި ތެލުގެ އަގު އިތުރުވުމުންނެވެ. ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރު 341.3 މިލިއަން ރުފިޔާއިން މި އަހަރު 626.7 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އޭގެ އިތުރުން، މި އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސަބްސިޑީ އާއި ނަރުދަމާގެ ސަބްސިޑީ ފިޔަވައި އެހެން ހުރިހާ ސަބްސިޑީތަކަށް ކުރި ހަރަރު ވެސް ވަނީ އިތުރުވެފަ އެވެ. މަސްވެރިކަމުގެ ސަބްސިޑީއަށް ހަަރަދުކުރި ވަރު ދަށްވީއިރު، ނަރުދަމާގެ ސަބްސިޑީއަށް ކުރި ހަރަދަށް ބަދަލެއް ނާދެ އެވެ.
ސަބްސިޑީތަކަށް ކުރާ ހޭދަ ބޮޑު ތަނުން އިތުރުވެފައިވާއިރު، މި ސަރުކާރުން ވަނީ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ސަބްސިޑީ ދިނުމުގެ ސިޔާސަތު ދޫކޮށްލާފަ އެވެ. މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރާނެ ކަމަށް ބުނި ސިޔާސަތު ތަންފީޒުނުކޮށް ސަރުކާރުން ވަނީ ސަބްސިޑީ ހަރަދުގެ އެންމެ ބޮޑު ހިއްސާއެއް ކުރާ ކަރަންޓު އުފެެއްދުމުގެ އެފިޝަންސީ މަތިކުރުމުގެ ސިޔާސަތައިގެން ކުރިއަށް ދާން ނިންމާފަ އެވެ.
ސަބްސިޑީގެ ގޮތުގައި ބަޖެޓުން ހަރަދު ކުރާ ހުރިހާ ފައިސާއެއް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެ ގޮތުން ތެލާއި ކާޑު ސަބްސިޑީ ދަނީ އެއްކޮށް އެސްޓީއޯއަށެވެ. ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ ލިބެނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއަށެވެ. ދަތުރުފަތުރުގެ ސަބްސިޑީ ލިބެނީ އެމްޓީސީސީއަށެވެ. ކުނި މެނޭޖުކުރުމުގެ ސަބްސިޑީ ލިބެނީ ވެމްކޯއަށެވެ. އަދި، މަސްވެރިކަމުގެ ސަބްްސިޑީ ލިބެނީ މިފްކޯއަށެވެ.
ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން އެންމެނަށް ލިބޭ ގޮތް ބްލެންކެޓްކޮށް ސަބްސިޑީތައް ދެމުން އަންނައިރު، މިއީ އިގުތިސޯދަށް ގެއްލުން ބޮޑު އަދި ބޭނުންވާ އިޖުތިމާއީ މަންފާތައް ހާސިލުނުވާ ފެއިލުވެފައިވާ އޮތް ސިޔާސަތެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދިވެހި ސަރުކާރުތަކުން ވެސް ބުނާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ސަބްސިޑީތަކަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފި، ބޮޑު ބައެއް ތެލާއި ކަރަންޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ