އަބްދުﷲ ޝާހިދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރޮޒެއިނާ ދެއްވައިފި

އެމްޑީޕީގެ ރަން ރީނދޫ ކުލަ އާއި ޕީޕީއެމްގެ އަސުރުމާ ކުލައަކީ ކިހާ އަވަހަކަށް ފޮހެވިގެންދާ ދެ ކުލަކަން، އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރިން ވިދާޅުވެފައިވާ ކަމަށާއި އެހެންވެ އެމްޑީޕީގެ ޕޯޑިއަމްގައި އެ މަނިކުފާނު ދައްކަވާ ވާހަކަތައް ގަބޫލު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ އާ ޑެޕިއުޓީ ލީޑަރު ރޮޒެއިނާ އާދަމް ޝާހިދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރޭ ދެއްވައިފި އެވެ. ޑީއާރުޕީގެ ކޮންގްރެސް ނިންމުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދުއަށް އިޝާރާތް ކުރައްވައި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވިދާޅުވީ އެ މަނިކުފާނު ކޮންމެ ވާހަކައެއް ކޮންމެ ޕޯޑިއަމެއްގައި ދެއްވިއަސް އެ ވާހަކަތައްް ދެން ގަބޫލު ނުކުރެެއްވޭނެ ކަމަށެވެ. "އެމްޑީޕީން އެންމެ ފަހުން ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވިދާޅުވި އިރުގެ ރަން ދޯދިތަކުން ޖައްވު އުޖާލާ ވާހަކަ. ހަމަ މި ނޫ ޕޯޑިއަމްގައި އަބްދުﷲ ޝާހިދު ވިދާޅުވެ ދެއްވި އެއީ ކިހާ ކުޑަ ހިނދު ކޮޅެއްގެ ކަމެއްކަން. އަދި އަސުރަކަށް ފޮޅޭ އަސުރުމާ އިންނަނީ ކިހާ ކުޑަ ހިނދުކޮޅެއްގައިކަން ވެސް ވިދާޅުވި. މި ވާހަކައިގެ ފުރަތަމަ ބައި މި ޕޯޑިއަމްގައި ވިދާޅުވެ ދެއްވި. ނަމަވެސް މިވާހަކަ ފުރިހަމައަށް ވިދާޅުވެ ދެއްވާފަ އޮތީ. އަބަދު ވެސް ދާއިމަށް ދެމިގެން އޮންނާނީ ކަނޑުގަ އޮތް ނޫކުލަ އާއި އުޑުގަ އޮތް ނޫކުލައޭ ވެސް މިއީ މި ޕޯޑިއަމްގައި އަބްދުﷲ ޝާހިދު ވިދާޅުވެ ދެއްވި. އެހެންވެ އަޅުގަނޑުމެން ކޮންމެ ޕޯޑިއަމެއްގައި [ޝާހިދު] ކޮންމެ ވާހަކައެއް ވިދާޅުވި އަސް ކިހިނެއްތޯ ގަބޫލުކުރާނީ؟ ގަބޫލެއް ނުކުރެވޭނެ،" ރޮޒެއިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "ޑީއާރުޕީ ފަޅާލަން" ޕީޕީއެމުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް މިއަދު ފެންނަނީ ޕީޕީއެމް ރޫޅިގެން ގޮސް، އެންމެ ފަހުން ބޭއްވި ޕްރައިމަރީ ވެސް ކޯޓުގައި އޮތްތަން ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު މަސް ތެރޭ ޕީޕީއެމް "ފުންޑިގެން ދާނެ" ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ. "މުސްކުޅިން ބުނޭ މީހަކަށް ދެރައެއް ދީފަ ތިމާއަކަށް މޮޅެއް ނުވާނެއޭ. މިއީ ވެސް ވަރަށް ބޮޑު ހަގީގަތެއް. ޕީޕީއެމުން އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ އެ މަންޒަރު. ޑީއާރުޕީގެ މެންބަރުން ރޮއި ހިތާމަކޮށްކޮށް ތިއްބާ، އެއްވެސް ހައްގުން ކަމަކާ ނުލައި އަޅުގަނޑުމެންގެ ޕާޓީ ފަޅާލަން މަސައްކަތްކޮށް، މިއަދު ޕީޕީއެމަށް ލިބުނު މޮޅަކީ ކޮބައިތޯ؟ އެއްވެސް މޮޅެއް ނެތް. މިއަދު މި ފެންނަނީ ރޫޅިގެންދާ ތަން. ރިޔާސީ އިންތިހާބަހަށް ހަތަރު މަސް ދުވަސް ކުރިއަށް އޮތްއިރު ސިޔާސީ މާހިރުން ބުނަނީ ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ޕީޕީއެމް ފުނޑިގެންދާނެ އޭ. އެންމެ ފަހުން ބޭއްވި ޕްރައިމަރީ ވެސް އެ އޮތީ ކޯޓުގަ. ޑެޕިއުޓީ ލީޑަރު [އިލްހާމް އަހުމަދު] ޖުމްހޫރީ ޕާޓީގަ. ޑީއާރުޕީ ރޫޅާލުމަށް ބޭނުންކުރި އުމަރު ހުރީ ޕާޓީއާ ދުރަށް ދަތުރުކުރާ ބުމަރަކަށް ވެފަ،" ރޮޒެއިނާ ވިދާޅުވި އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބުކުރާނެ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ ﷲ އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް އެކަން ނުވާނެ ކަމަށެވެ. އަދި އެ ޕާޓީން މާލެ އަތޮޅު ހުރާގައި ކުރިއަށް ގެންދާ ކެމްޕޭންތަކުގައި އެ ރަށުގެ ގޭގޭގައި ދިދަ ޖަހަނީ މަހު މުސާރަ ދީގެން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ފެނުނީ ރައީސް ނަޝީދަށް 2008 ވަނަ އަހަރު ހިތު ހުރި ގޮތަކަށް ވެރިކަން ކުރަމުން ދިޔަ މަންޒަރު. ގާނޫނެއް ގަވާއިދެއް ނެތި ހަމައިގަ ހުންނާކަށް ނުޖެހޭނެއޭ ބުނެ މިކަހަލަ ކިތަންމެ ކަމެއް ކުރި މަންޒަރު. ބައެއް ފަހަރު ބުނާނެ ކަނާތުން ކުރާ ކަންތައްތައް ވާތަށް ވެސް ނޭނގޭނޭ. ދެން ވީ ކިހިނެއްތޯ؟ ކަނާތުން އަބްދުﷲ ގާޒީ ހިފަން އުޅެނިކޮށް ވާތުން އިސްތިއުފާ ދެވުނީ. މިހާރު މި ފެންނަނީ ބޮޑު މަންޒަރެއް ދައްކަން އުޅޭތަން. ބޮޑު މަންޒަރު ހާލަތު ހުރާ ކައުންސިލްގެ މެންބަރުން އަޅުގަނޑަށް ކިޔައި ދެއްވި. އެމްޑީޕީގެ ދިދައެއް ބަހައްޓައިދޭ ކޮންމެ ގެއަކަށް ކޮންމެ މަހަކު 2،000ރ. ދޭނަމޯ. މިއީ ބޮޑު މަންޒަރު އިނގޭތޯ؟ ލޯބިން ދިދައެއް ޖަހާލާނެ މީހަކު ނުވެގެން މަހު މުސާރަ ދީގެން ދިދަ ބަހައްޓަނީ،" ރޮޒެއިނާ ވިދާޅުވި އެވެ. ރޮޒެއިނާގެ އިތުރުން ރޭ ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އޭނާ ދުވަހަކު ވެސް އެމްޑީޕީއާ ނުގުޅޭނެ ކަަމަށެވެ. "އަޅުގަނޑުމެންގެ އަގު ހުރި ތަރިކަތަކެއް ނައްތާލި ބަޔަކާއެކު ދާން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ. އެކަން ބައްލަވާލެވި ކޮންމެ ބަޔަކު ލޮލުން ކަރުނަ އަންނާނެ. އެހެންވެ އެމްޑީޕީއާއެކު ދާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ވަޒަން ދެކެ ލޯބިވާ އެއްވެސް ބޭފުޅަކު އެމްޑީޕީއާއެކު މަސައްކަތެއް ނުކުރާނެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އިރާދަކުރެއްވިޔާ އަޅުގަނޑެއް އެކަމެއް ދުވަހަކު ވެސް ﷲ ވާގިފުޅާއެކު ނުކުރާނަމޭ. އަޅުގަނޑު ސާބިތުވެ ހުންނާނީ މާތް ﷲގެ ވާގިފުޅާއެކު ޑީއާރުޕީގައޭ. ދައުރު ނިންމާލާނީ ވެސް ޑީއާރުޕީގަ އޭ،" ހަސަން ލަތީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ