ލަހުން ކާން ހަދައިދޭތީ އަނބިމީހާ ވަރިކުރުމުގެ ހުއްދަ ކޯޓުން ދީފި

ލާގޯސް (އޮގަސްޓް 20) - އަންހެނުން ލަހުން ކާން ހަދައިދޭތީ އަންހެނުން ވަރިކުރުމުގެ ހުއްދަ ނައިޖީރިއާގެ ކޯޓަކުން 57 އަހަރުގެ ފިރިހެނަކަށް ދީފި ކަމަށް އެ ގައުމުގެ މީޑިއާ އިން ބުނެފި އެވެ. ލާގޯސްގެ ކޯޓަކުން ވަނީ އޮލުފާޑޭ އަޑެކޮޔާ އާއި އޭނާއާ އެކު 25 އަަހަރު އުޅުނު އަނބިމީހާ އޮލޫސޮލާ ވަރިކުރުން އެންމެ ރަނގަޅު ކަމަށް ނިންމައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ފިރިމީހާ ބަނޑުހައިވެގެން ބުނުމުން އަނބިމީހާ ގަޑިއަށް ކާން ހަދައިނުދޭތީ އެވެ. "ކައިވެނީގައި އަނބިމީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އަހަރެންގެ އަނބިމީހާ ވަނީ ފޭލްވެފައި. އޭނާ އަހަރެންނަށް ގަޑިއަށް ކާން ހަދައެއް ނުދޭ. މިކަމާ ބެހޭ ގޮތުން އަންހެނުންނަށް ވަނީ އެތައް ފަހަރަކު އިންޒާރު ދީފައި. އެކަމަކު އޭނާ އަހަރެން ބުނާ ބަހެއް ނާހާ،" އަޑެކޮޔާ ހަވާލާދީ ނައިޖީރިއާގެ ނޫހަކުން ބުންޏެވެ. "އަހަރެން ބަނޑުހައިހޫނުކަން މަތީ ބަހައްޓާ އަންބަކާ އިނދެގެން އުޅުމުގެ ބޭނުމެއް ނެތް." އަޑެކޮޔާގެ އަނބިމީހާ އޮލޫސޮލާ ބުނީ ފިރިމީހާގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި އޭނާގެ ބޭނުމަކީ އެހެން އަންހެނަކާ ކައިވެނި ކުރުން ކަމަށެވެ. ނަމަވެސް ލާގޯސްގެ ކޯޓުން ބުނެފައި ވަނީ ދެމަފިރިން ސުލްހަ ކުރަން އެތައް މަސައްކަތެއް ކުރެވިއްޖެ ކަމަށާއި އެ ހުރިހާ ކަމެއް ނާކާމިޔާބުވުމުން އަނބިމީހާ ވަރިކުުރުމުގެ ހުއްދަ ފިރިމީހާ އަށް ދިނީ ކަމަށެވެ. މިއީ ނައިޖީރިއާގައި އަނބިމީހާ ގަޑިއަށް ކާން ހަދައިނުދީގެން ވަރިކުރުމުގެ ހުއްދަ ކޯޓަކުން ދިން ފުރަތަމަ ފަަހަރެވެ. ނަމަވެސް މީގެ ކުރިން ނައިޖީރިއާގައި ވަނީ އާދަޔާޚިލާފު ގޮތްގޮތަށް އަނބިން ވަރިކޮށްފަ އެވެ. ދެހާސް އަށް ވަނަ އަހަރު ވަނީ ނައިޖީރިއާގެ ޕެންޝަނަރަކު ގެންގުޅުނު 86 އަނބިންގެ ތެރޭން 82 މީހުން، އިސްލާމީ ލީޑަރުން ޕްރެޝަރުކޮށްގެން ވަރިކޮށްފަ އެވެ. މުސްލިމް ލީޑަރުން އެ މީހާ ގާތު ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި އެކަކަށް އެއް ފަހަރާ ގިނަވެގެން ގެންގުޅެވޭނީ ހަތަރު އަނބިން ކަމަށެވެ. ނައިޖީރިއާގެ އުމުރުން 32 އަހަރުގެ ވިޔަފާރިވެރިއަކު ބޮޑު ޚަރަދުކޮށްގެން ކައިވެނިކުރިތާ މާގިނައިރެއް ނުވަނީސް ވަނީ ވަރިކޮށްފަ އެވެ. އެއީ އަންހެން މީހާގެ މަކަރެއް ފަޅާއެރުމާ ގުޅިގެންނެވެ. އަަދި ނައިޖީރިއާގެ ކޯޓަކުން ވަނީ ފިރިމީހާ މަސްތުވެގެން ހުރެ ގޭގައި ގެންގުޅޭ ތެލިތަކަށް ބޮޑުކަމުދާތީ، އެ މީހާގެ ކިބައިން ވަކިވުމުގެ ހުއްދަ އަނބިމީހާ އަށް ދީފަ އެވެ. އަދި އުމުރުން 40 އަހަރުގެ މީހަކު ވަނީ އޭނާގެ އަނބިމީހާ ވަރިކުރަން ލާގޯސްގެ ކޯޓަކަށް ހުށަހަޅައިފަ އެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ ފަސް އަހަރު އެކުގައި އުޅުނު އަނބިމީހާ އަށް އޭނާ އަނިޔާ ކުރާއިރު ދޮންދަރިން އެކަން ހުއްޓުވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ