ފުލުހުން އަބަދުވެސް ވާންޖެހޭނީ ގައުމާއި ރައްޔިތުން ހިމާޔަތްކުރާ ބަޔަކަށްކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ރޭ މާލޭގައި ވަޅި ބޭނުންކޮށްގެން ހިންގި މާރާމާރީއާއި ގުޅިގެން އެ މާރާމާރީގައި ޝާމިލްވާ މީހަކު ތިން ފުލުހަކު ވެގެން ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ގިނަ ބައެއްގެ ތައުރީފް އެ ފުލުހުންނަށް އާންމުވެފައިވަނިކޮށް ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ފައިސަލް ވިދާޅުވީ ރޭ ފުލުހުންގެ ފަރާތުން ފެނިގެންދިޔައީ ފުލުހުންގެ ހަގީގީ ޒިންމާ އަދާކުރި މަންޒަރުކަމަށެވެ.
ފުލުހުން އަބަދުވެސް ވާންޖެހޭނީ ގައުމާއި ރައްޔިތުން ހިމާޔަތްކުރާ ބަޔަކަށްކަމަށާ ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށްވާންޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.
އަދި އިއްތިހާދުގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ގައުމީ ޒިންމާއަދާކުރާ ދެ މުއައްސަސާއަށް ހައްދަވާނެކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ވަނީ ވިދާޅުވެފައެވެ.
މާލޭގައި ނުރައްކާތެރި މާރާމާރީއެއް ހިންގައި 3 މީހަކު ޒަޚަމްކޮށްލާފައިވާއިރު، މާރާމާރީ ހިންގުމަށްފަހު ފިލަންދުވި މީހާ ހައްޔަރުކޮށްފައިވަނީ އޭރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ޓްރެފިކް ފުލުހެކެވެ.
އެ ފުލުހުން މީހާއަށް ކުލަ ހެދުމުގައި ތިބި އިތުރު ދެ ފުލުހަކު އެހީތެރިވެދީފައިވާއިރު، އެ ތިން ފުލުހުން ދެއްކި ހިތްވަރާއި ކެރުމަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. އަދި ސިޔާސީ ކަންކަމަށް ފުލުހުން ހުސްވެ ތިބުމުގެ ބަދަލުގައި އާންމުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށްޓަކައި މަސައްކަތްކުރުމަށް ގިނަ ބަޔަކު ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ. އަދި ފުލުހުންގެ ތެރެއަށް ވަކި ބަޔަކު ސިޔާސީ ނުފޫޒު ވެއްދުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، ގައުމީ ފުލުހުން އަބަދުވެސް ތިބޭނެކަން ރޭގެ ހާދިސާއިން ޔަގީންވެގެންގޮސްފައިވާކަމަށްވެސް ބައެއް އާންމުން ވަނީ ބުނެފައެވެ.
މާފަންނު ސަހަރާ ކައިރީގައި ރޭ ހިންގި މާރާމާރީގައި ތިން މީހަކު ޒަޚަމްކޮށްލާފައިވާއިރު، ފަހަކަށް އައިސް މާރާމާރީތައް ދަނީ އަނެއްކާވެސް އިތުރުވަމުންނެވެ. ރޭގެ މާރާމާރީގައި އަނިޔާވި މީހުންނާއި، އަދި ހައްޔަރުކުރި މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އަބަދުވެސް ވާންޖެހޭނީ ގައުމާއި ރައްޔިތުން ހިމާޔަތްކުރާ ބަޔަކަށް: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ