އެމްޑީޕީ އިން ގެންނަން ބޭނުންވާ ބަރުލަމާނީ ނިޒާމާ މައުމޫން ދެކޮޅު
ރާއްޖެ ހިންގަން ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއްގެ ދަށުން ކަމަށް އެމްޑީޕީ އިން ބުނެފައިވީ ނަމަވެސް، އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ކުރީގެ ރައީސް މައުމޫންގެ "މައުމޫން ރިފޯމް މޫވްމެންޓް" (އެމްއާރްއެމް) އިން އެކަމާ ދެކޮޅުކަން ހާމަވެއްޖެ އެވެ. އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ ތެރެއިން އެ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެނިފެސްޓޯގައި ބަރުލަަމާނީ ނިޒާމެއްގެ ތެރެއިން ވެރިކަން ހިންގާ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން އިއްތިހާދުގެ ސަރުކާރެއްގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފަހު އެކުލެވޭ ސަރުކާރެއްގައި މަޖިލީހުގެ ތެރެއިން ބޮޑު ވަޒީރާއި އޭނާގެ ކެބިނެޓު އެކުލަވާލެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް، އިއްޔެ އެމްއާރްއެމް އިން ނެރުނު މެނިފެސްޓޯގައި ބުނެފައި ވަނީ އިއްތިހާދުގެ ސަރުކާރެއް ހިންގަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މަޖިލީހުގެ ބާރު ހަރުދަނާ ކުރުމަށް މަޖިލިސް "ބައިކެމަރަލް" ނިޒާމަކަށް ބަދަލުކޮށް ދިގު މުއްދަތަކަށް ގައުމީ ހިދުމަތުގައި ދެމިތިބެ ތަޖުރިބާ ލިބިފައިވާ ފަންނީ މާހިރުން އިންތިހާބު ކުރެވޭ ސެނެޓެއް ގާއިމް ކުރާނެ ކަމަށް އެމްއާރްއެމްގެ މެނިފެސްޓޯގައި ވަނީ ބުނެފަ އެވެ. ބައިކެމަރަލް ނިޒާމަކީ ގާނޫނު ހަދާ މަޖިލީހުގެ ދެގެ އެކުލެވޭ ނިޒާމެކެވެ. އެމްއާރްއެމްގެ މެނިފެސްޓޯގައި ރިޔާސީ ނިޒާމުގެ ތެރެއިން ޖުޑިޝަރީ ރީފޯމް ކުރުމަށް ހުށަހަޅާފައި ވަނީ ޖުޑިޝިއަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތާއި، އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތައް ބަދަލު ކުރުމާއި ޖުޑިޝިއަރީގެ ބަޖެޓު ފާސް ކުރުމުގައި ސަރުކާރުގެ ދައުރު ކުޑަ ކުރުމާއި އަދި ޖުޑިޝަރީއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމެވެ. އަދި ރިފޯމް ކުރުމަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދާނެ ކަމަށް އެ މެނިފެސްޓޯގައި ވަނީ ބުނެފަ އެވެ. އެގްޒެކެޓިވް ހަރުދަނާ ކުރުމަށް މެނިފެސްޓޯގައި ހުށަހަޅާފައި ވަނީ ރަށްތަކަށް މަޝްރޫއުތައް އެކުލަވާލާނެ އެންމެ ރަނގަަޅު ގޮތް ދެނެގަތުމަށް ފަންނީ މާހިރުން އެކުލެވޭ ނޭޝަނަލް ޕްލޭނިން ކައުންސިލެއް އުފެއްދުމެވެ. އުފެއްދުމަށާއި ސިޔާސީ މަގާމްތައް މަދު ކުރުމާއި މެރިޓޮކްރަސީގެ އުސޫލުން މަގާމުތަކަށް އެކަށީގެންވާ މީހުން އައްޔަން ކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ. މައުމޫންގެ ފަރާތުން ހުށަހަޅާފައިވާ މެނިފެސްޓޯއާއި އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންތައްތައް ފުށޫއަރާ އިރު، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އިއްތިހާދުގެ ޕާޓީތަކަށް ސިޔާސަތުތައް ހެދުމުގައި އެއްގަލަކަށް ނޭރޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިއްތިހާދުގެ ސަރުކާރެއް ގާއިމް ކުރުމަކީ ގައުމަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. ޝަހީމް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އިބޫ ވިދާޅުވެފައި ވަނީ އިއްތިހާދުގެ ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު ވަކި މެނިފެސްޓޯއެއް ނެރޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ