ވަގުފު ފަންޑުން ސަދަގާތު ފައުންޑޭޝަނަށް 12000 ޑޮަލަރަށްވާ ފައިސާ އެއް ނުދޭ – އޭސީސީ
އިސްލާމިކް މިނިސްޓްރީގައި އޮންނަ ވަގުފު ފަންޑަށް އަބޫދާބީގެ ޖަމްއިއްޔާއަކުން ސޮދަގާތުގެ ގޮތުގައި ދީފައިވާ ފައިސާގެ ތެރެއިން 12،000 ޑޮލަރު، ސޮދަގާތު ފައުންޑޭޝަނަށް ދީފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.މި މައްސަލަ ތަހްޤީޤު ކުރުމަށްފަހު އޭސީސީ އިން އާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ އަބޫދާބީގެ އަމިއްލަ ޖަމްޢިއްޔާއަކުން 1437 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްތަކުގައި އިފްތާރް ޕްރޮގްރާމްގެ ނަމުގައި ޕްރޮގްރާމެއް ރާވައި ކުރިއަށް ގެންދިއުމަށް އެހީގެ ގޮތުގައި، ފެޑެރަލް ރިޒަރވް ބޭންކް އޮފް ނިއުޔޯކުގައި އޮންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޕަބްލިކް ބޭންކް އެކައުންޓަށް 24,980.00ޑޮލަރު ޖަމާކޮށްދީފައިވާއިރު، އެ ފައިސާ ޖަމާކޮށްދިނުމަށްފަހު، ވަކި މިސްކިތެއްގައި ނުވަތަ ވަކި މިސްކިތްތަކެއްގައި ނުވަތަ ކީރިތި ޤުރްއާން އުނގަންނައިދޭ ނުވަތަ ޔަތީމްޚާނާތަކުގައި ނުވަތަ އިޖްތިމާޢީ ޚިދުމަތްތައް ދޭ ޖަމާޢަތް މެދުވެރިކޮށްވެސް އެ ޕްރޮގްރާމް ހިންގިދާނެކަމަށް އެ ފައުންޑޭޝަންގެ ސިޓީއަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަންގާފައިވާކަމަށެވެ.މިި ފައިސާގެ ތެރެއިން 12000 ޑޮލަރަށްވާ ދިވެހި ފައިސާ ޞަދަޤާތް ފައުންޑޭޝަންގެ އެކައުންޓަށް ޖަމާކޮށްދެއްވުން އެދޭކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވާ ކަމަށާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑް ހިންގާ އުޞޫލުގެ 19 ގެ (ހ) އިން، އެ ފަންޑަށް ލިބޭ ފައިސާ ދޫކުރުމުގައި މެމްބަރުން މަޝްވަރާކުރުމަށްފަހު ދޫކުރާނެ ފައިސާގެ މިންވަރު ކަނޑައެޅުމަކީ ކޮމިޓީއާ މަތިކުރެވިފައިވާ މަސައްކަތެއްކަން އެނގޭއިރު، ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑް ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި އަބޫދާބީގެ ޖަމުޢިއްޔާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 12,000.00 ޑޮލަރަށްވާ ދިވެހި ފައިސާ ޞަދަޤާތް ފައުންޑޭޝަނަށް ދިނުމަށް ނިންމާފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ.ޞަދަޤާތް ފައުންޑޭޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ސިޓީ ފޮނުވުމަށްފަހު އެ ސިޓީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކެންސަލްކޮށްފައިވާ ކަމަށާއި އެ ސިޓީގައި އެދިފައިވާ ގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ޞަދަޤާތް ފައުންޑޭޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިނުވާތީ، މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމުގައި ކަނޑައަޅާފައިވާކަމަށް އޭސީސީ އިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ