ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކޮށް، ޣައްޒާއާ އެމެރިކާ ހަވާލުވާނަން: ޓްރަމްޕް

ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަޙައްދު ހިންގުމާއި އެމެރިކާއިން ހަވާލުވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫއާއެކު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓްރަމްޕް ބުނީ ޣައްޒާ ސިޓީއަކީ ހަމައެކަނި ޣައްޒާގެ ރައްޔިތުންގެ ތަނެއް ނޫންކަމަށާއި، އެއީ ދުނިޔޭގެ މީހުންގެ ތަނެއްކަމަށެވެ.
ޓްރަމްޕް އިތުރަށް ބުނިގޮތުގައި އެމެރިކާއިން ޣައްޒާއާ ހަވާލުވެ، އެތާ ނުގޮވާހުރި ބޮންތަކާއި ނުރައްކާތެރި ހަތިޔާރުތައް ނައްތާލާނެއެވެ. "އަޅުގަނޑުމެން އެ ތަން މިލްކުކޮށް، ތަރައްޤީކުރާނަން. އޭރުން މެދުއިރުމަތީގެ މުޅި ސަރަޙައްދަށް ފަޚުރުވެރިވެވޭނެ ތަނަކަށް އެތަން ވެގެންދާނެ،" ޓްރަމްޕް އިތުރަށް ބުންޏެވެ.
އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިކަމަށް ތާއީދުކޮށް، މިއީ "އާ ވިސްނުމަކާއެކު" އައިސްފައިވާ ހުށަހެޅުމެއްކަމަށް ބުންޏެވެ.
ޓްރަމްޕް މިގޮތަށް އިއުލާން ކުރިނަމަވެސް ޣައްޒާގެ އާބާދީ ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުކަމެއް ކަމަށާއި މިއީ އިންސާނިއްޔަތާ ދެކޮޅު ކަމެއްކަމަށް އިންސާނީ ހައްޤުތަކުގެ ޖަމިއްޔާތަކުން ބުނެއެވެ.
ޓްރަމްޕް އިތުރަށް ބުނީ އޭނާ މިކަން މިހާތަނަށް ވަރަށް ގާތުން ދިރާސާކޮށްފައިވާ ކަމަށާއި ޣައްޒާއަށް އަމިއްލައަށް ޒިޔާރަތްކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ތާރީޚެއްގައިކަމެއް އޭނާ ނުބުނެއެވެ.
މި ބައްދަލުވުމުގައި ޣައްޒާގެ މުސްތަޤްބަލާއި، އީރާނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާއި، އިޒްރާއީލާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު ގުޅުން ގާއިމު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިއީ އިޒްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް އިޒްރާއީލުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ