ޓޭކް އަވޭ ކޮފީ ޝޮޕުން ގަންނަ ކޮފީ ތަށި ހުސްކޮށްލުމާ އެކު އެ އެއްލާލަނީ ހުރި ތަނަށެވެ. އެތަނާ މާ ދުރު ނޫން ހިސާބެއްގައި އެ ހުރީ އެފަދަ ކުނި އަޅަން ހާއްސަކޮށްފައި ހުރި ޑަސްބިނެވެ. އެކަމަކު ކަންނެތްކަމުން ނޫނީ އަތަށް ފަސޭހައަކަށް އެ ތަށި ބިންމައްޗަށް އެއްލައިލީ އެވެ. އެންމެ ތައްޓެއް އެހެން އެއްލާލިޔަސް އެއީ މާ ބޮޑު ކަމަކަށް ނުވާނެ ކަމަށް ހިތާ އެވެ.
ދެން އަންނަ މީހާ ބޮއި ހުސްކޮށްލި ފެންފުޅި ވެސް އެ އެއްލައިލީ ބިންމައްޗަށެވެ. ޖެހިގެން ހުރި މީހާ އަތުގައި އޮތް ޓިޝޫ ކޮޅު ވެސް އެއްލައިލީ އެވެ. އަތުގައި ދަބަހެއް ވެސް އޮތެވެ. ލައިގެން ހުރި ޖިންސުގެ ޖީބަށް ވެސް އެ ލެވުނީހެވެ. ޑަސްބިނާ ހަމައަށް ހިނގާލާފައި ގޮސް އެއަށް ލެވިދާނެ އެވެ. އެކަމަކު ކަންނެތްވީ އެވެ. މާ ބޮޑު ކަމަކަށް ނުވާނެޔޭ ހިތާ ބިންމައްޗަށް އެއްލައިލީ އެވެ.
ގިނަ ބަޔަކު ރާއްޖެ ސިފަކުރަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގަ އެވެ. ދުވަހަކު ރާއްޖެ އައުމުގެ އުފާ ލިބިފައި ނެތް ނަމަވެސް، ފޮޓޯއަކުން ރާއްޖޭގެ މަންޒަރުތައް ފެނިފައި ތިބި މީހުން ވެސް ގަބޫލުކުރަނީ މި ގޮތަށެވެ.
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ރާއްޖެ ސިފަކުރަނީ އެހެންނެވެ. އެ މީހުން ރާއްޖެ އަންނަނީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ އިވި، އެކަން އަމިއްލަ ލޮލުން ދެކި ތަޖުރިބާ ކުރުމަށެވެ.
އޭގެ ތެރެއިން ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. ނޫނީ ގެސްޓު ހައުސްތައް ގިނަ، ޓޫރިޒަމަށް ފައްކާކުރަމުން އަންނަ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ މީހުންނެވެ. ބައެއް މީހުން އެނބުރި ގައުމަށް ދިޔުމުގެ ކުރިން ރާއްޖޭގެ ދިރިއުޅުން ތަޖުރިބާ ކޮށްލުމަށް މާލެ ނޫނީ ހުޅުމާލޭގައި މަޑުކޮށްލަ އެވެ. މާލެ އާއި ހުޅުމާލޭގައި ޗުއްޓީ ހޭދަކޮށް ރާއްޖޭގެ ދިރިއުޅުން ތަޖުރިބާކުރަން އަންނަ މީހުން ވެސް މަދެއް ނޫނެވެ.
އެކަމަކު އެ މީހުންނަށް މާލެ އާއި ހުޅުމާލޭގެ މަގުތައް މަތިން ރާއްޖޭގެ ރީތިކަން ފެނޭބާ އެވެ؟
މާލޭ މާރުކޭޓު ސަރަހައްދާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނަކީ ފަތުރުވެރިން ގޮސް މަޑުކޮށްލައިގެން ހިތްހަމަޖައްސާލަން ތިބޭ ތަންތަނެވެ. ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދަށް ވެސް ކޮންމެ ދުވަހަކު އެތައް ފަތުރުވެރިންނެއް ދެ އެވެ.
އެ ސަރަހައްދުތަކުން އާންމު ގޮތެއްގައި ފެންނަނީ ތަހުޒީބު ކަމެއް ނެތް ބަޔަކު އަތުޖެހުނު ތަނަކަށް އެމީހެއްގެ އަތުގައި އޮންނަ ކުނިކޮޅު އެއްލައިލާފައި އޮންނަ ތަނެވެ. ފަރުދީ ޒިންމާ އަދާކުރުމުގެ ބަދަލުގައި ފަސޭހައަކަށް ކުރާ ކަމެއްގެ ސަބަބުން އެތަން ހަޑިވަނީ އެވެ.
ލަކުޑި ޖެޓީ ސަރަހައްދުގައި ޓޭކް އަވޭގެ ހިދުމަތް ދޭ ދެ ހަޓު ހުންނައިރު ކޮންމެ ވަގުތެއްގައި ވެސް އެތަންތަނުގައި ހިދުމަތް ހޯދަން މީހުން ތިބެ އެވެ. ހަޓުތައް ކައިރީ ކުނިއަޅަން ޑަސްބިންތައް ވެސް ބަހައްޓާފައި ހުރެ އެވެ. ޖެޓީ ކައިރީގައި ވެސް ޑަސްބިންތައް ހުރެ އެވެ.
އެކަމަކު ފެންނަނީ ދެތިން ފިޔަވަޅު އަޅާފައި ދެވޭ ހިސާބުގައި ހުންނަ ޑަސްބިނަށް ކޮފީ ބުއިމަށް ފަހު ތަށި އެއްލައިލުމުގެ ބަދަލުގައި އެމީހަކު އެ ހުރި ތަނަކަށް އެ ތަށި ވައްޓާލާފައި އޮންނަ ތަނެވެ. ނޫނީ އިށީނދެ އިންނަ ތަނުގައި އެ ބަހައްޓާފައި ތެދުވެގެން ދާތަނެވެ.
އެކަކު ކުނި އަޅާފައި ހުންނަ ތަން ފެނުމުން އަނެކާވެސް އެގޮތަށް ހަދަނީ ކަމަށް ވެދާނެ އެވެ. ނޫނީ ތިމަންނަ އެއްލައިލާ ކުނިކޮޅަކާ ހުރެ ތަން ހަޑިނުވެދާނެޔޭ ހިތަށްއަރަނީ ކަމަށް ވެސް ވެދާނެ އެވެ.
އެ ސަރަހައްދުގައި އިށީނދެވޭ ގޮތަށް ހުންނަ ވަށްބުރުތަކާއި ބެންޗުތައް މަތިން އަދި ކައިރިން ވެސް ފެންނަނީ މި މަންޒަރެވެ.
ކޮފީ ބޮއިފައި ހުންނަ ކަރުދާހު ތައްޓާއި ހަކުރު ބަންދުކޮށްފައި ހުންނަ ހުސް ޕެކެޓެވެ. ކޮފީ ތައްޓަށް ހަކުރު އެޅުމަށް ފަހު ގިރާލަން ދޭ ދަނޑިކޮޅެވެ.
ބައެއް ވަގުތުތަކުގައި ސާފުކުރާ މީހުން އައިސް އެ ނަގާފައި ހުރެދާނެ އެވެ. އެކަމަކު އަނެއްކާވެސް ގިނައިރުތަކެއް ނުވެ، އެ ގޮނޑުކަން ފެނެ އެވެ.
ގައިމުވެސް މިއީ ޑަސްބިނެއް ނެތުމުން ނޫނީ ކުނި އަޅަން ހާއްސަ އެއްޗެއް ބަހައްޓާފައި ނުހުންނާތީ ވެފައި އޮންނަ ހަޑިއެއް ނޫނެވެ. މިއީ ކަންނެތްކަމާއި ޒިންމާދާރުކަން ކުޑަވުމެވެ. ނޫނީ ނާތަހުޒީބު ކަމުން ކުރެވޭ ކަމެކެވެ.
މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުން ވެސް މި މަންޒަރު ފެނެ އެވެ. އެ ސަރަހައްދުގައި ހުންނަ ޓޭކް އަވޭ ޝޮޕު ކައިރީ ވެސް އަދި ބީޗު ސަރަހައްދުގައި ވެސް ޑަސްބިންތައް ބަހައްޓާފައި ހުރެ އެވެ. އެކަމަކު ފެންނަނީ ހުސް ތައްޓާއި ފުޅި އުކާލާފައި ހުންނަތަނެވެ. މޫދާ ދިމާލުގައި އޮންނަ ގާތަކު ތެރޭ އެކި ކަހަލަ ފުޅި އާއި ދަޅާއި ޕެކެޓުތައް ތާށިވެ، ސާފުކަން ގެއްލިފައި އޮންނަތަނެވެ.
ކޮންމެ ދުވަހަކު ވެސް އާންމު ސަރަހައްދުތައް ކުނި ކަހާ ސާފުކުރި ނަމަވެސް، އަބަދުވެސް މި ސަރަހައްދުތައް ސާފުކޮށް އޮންނާނީ ފަރުދީ ޒިންމާ އަދާކޮށްގެން، ކުނިކޮޅު ގެންގޮސް ޑަސްބިނަށް އެއްލައިލާ ނަމަ އެވެ.
ޑަސްބިނެއް ނެތް ނަމަ ޑަސްބިނެއް ހުންނަ ސަރަހައްދަކަށް ދެވެންދެން އެ ކުނިކޮޅު އަތުގައި ނޫނީ ދަބަހުގައި ނޫނީ ޖީބަށް ލެވޭ ނަމަ ޖީބަށް ލައިގެން ވެސް ހުރެވިދާނެ އެވެ. އެހެން ނޫނީ ސާފު ރީތި ދިވެހި ރާއްޖެ ބަލައިލަން އަންނަ ފަތުރުވެރިޔާއަށް ފެންނާނީ ގޮނޑުވެފައިވާ ރާއްޖޭގެ ވެރިރަށެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީއިން، އެ ތަން ސާފުކޮށް ބާއްވަން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެކަމަކު ކުނި އަޅާ މީހުން، އެމީހުން ފަރުދީ ޒިންމާ އަދާނުކުރާ ނަމަ އެ މަސައްކަތުގެ އެންމެ ފުރިހަމަ ނަތީޖާއެއް ނުފެންނާނެ އެވެ.
"ސާފުކުރާ ބަޔަކު ކިތަންމެ ވަރަކަށް ސާފުކުރިޔަސް އެ އަޅާ ބަޔަކު އެކަން ހުއްޓާނުލަންޏާ އެ ކޮންޓިނިއު ވެގެންދަނީ. އޭގެ ސަބަބުން ބަލިމަޑުކަން ވެސް ފެތުރޭ،" އެޗުޑީސީގެ އިންސްޕެކްޝަން ޑިޕާޓްމެންޓްގެ ޑެޕިޔުޓީ ޖެނެރަލް މެނޭޖަރު ނިޝާން މީގެ ކުރިން 'ދައުރު' އަށް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވި އެވެ.
މާލޭ ފަޅުތެރެ އާއި ބައެއް ޖެޓީތައް ކައިރި ވެސް ދުވަސް ދުވަހުން އޮންނަނީ ގޮނޑުވެފަ އެވެ. އެ ސަރަހައްދުތައް ބޭނުންކުރާ އޮޑި ދޯނިފަހަރާއި އުޅަނދުތަކުން މޫދަށް އުކާލާ ފުޅި އާއި އެކި ކަހަލަ ކުނި ފަޅުތެރެއަށް ޖަމާވެ، ކުނިގޮނޑަކަށް ބަދަލުވެފައި އޮންނަ ތަން ދޭތެރެ ދޭތެރެއިން ފެނެ އެވެ.
ކުނި މެނޭޖު ކުރުމުގެ ގާނޫނު ބުނާ ގޮތުން ކުނި އަޅަން ހާއްސަކޮށްފައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ފިޔަވައި އެއްވެސް ފަރާތަކުން ކުނި އެޅުމަކީ ގާނޫނީ ކުށެކެވެ. އެގޮތަށް އަމަލުކޮށްފި ނަމަ ގާނޫނުގެ ދަށުން ފިޔަވަޅު ވެސް އެޅެ އެވެ.
ހަމައެކަނި ބީޗު ސަރަހައްދާއި އާންމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދުތަކެއް ނޫނެވެ. މަގުތައް ވެސް ސާފުތާރިހުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރަން ކޮށްލަން މި ޖެހެނީ ކުޑަކުޑަ މަސައްކަތެކެވެ.
އެއީ މަގުމައްޗަށް ކުނި ނެރުމާއި ކުނި އެޅުން ހުއްޓާލުމެވެ. ގޭތެރެ ސާފުކުރުމަށް ފަހު އުކާލަން ހުންނަ ފަރުނީޗަރާއި ބޮޑެތި ކުނިތައް ވެސް އެ އޮންނަ އުސޫލުގެ ތެރެއިން އުކާލަންވީ އެވެ. މަގުތަކަކީ ސާފު ތަނަކަށް ހަދައި އެކަން އެގޮތުގައި ދަމަހައްޓަންވީ އެވެ. އޭގެ ހިތްހަމަ ޖެހުން އެންމެންނަށް ވެސް ލިބޭނެ އެވެ.
މި ތަންތަން ގޮނޑެއް ހެން މި އޮންނަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ