އަބްދުއްރަހީމްއާ މަޝްވަރާ ކުރީ މަޖިލީހުގެ މި އަހަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން: އެމްޑީޕީ ޕީޖީ ލީޑަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަކީ މަޖިލީހުގެ މި އަހަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިއްޔެގެ ވަގުތެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ނާޒިލް ވަނީ، މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ދެ ބޭފުޅުން ބައްދަލުކުރައްވާފައި މި ވަނީ، ރައީސް މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ކުރިން އޮތް ގާތް ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.
ތަފްސީލު - ދެ ބޭފުޅުންގެ ބައްދަލުވުމާ ގުޅޭ ގޮތުން ނާޒިލްއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާގެ އެޖެންޑާ ލިބުމާ އެކު އެ ވަގުތަކީ އޭނާ ވެސް އަދި އަބްދުއްރަހީމް ވެސް މަޖިލީހުގައި އިން ވަގުތަކަށް ވާތީ ބައްދަލުކޮށްލެއްވީ ކަމަށެވެ. 
"މި ދައުރުގެ ތެރޭގައި މަޖިލީހުގެ ކަންތައްތަކުގެ ވާހަކަ ދެކެވުނީ. ނިމިދިޔަ ދައުރާ އަދި ކުރިއަށް މި އޮތް ދައުރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނީ،" މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކޮން ކަމަކާ ގުޅޭ ގޮތުންތޯ އެހުމުން ނާޒިލް ވިދާޅުވި އެވެ.
މި ދަނޑިވަޅަކީ، ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ވެސް މައްސަލަތަކެއް ޖެހި، އޭނާ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމުގެ ވާހަކަތަކެއް ވެސް ދެކެވޭ ދަނޑިވަޅެއްކަމުން، އެފަދަ ކަމަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވާހަކަ ދެކެވުނުތޯ އެހުމުން ނާޒިލް ވިދާޅުވީ އެފަދަ ސިޔާސީ މަޝްވަރާއެއް ނުހިނގާ ކަމަށެވެ.
"[އަބްދުއްރަހީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް] އެއީ އަޅުގަނޑުމެންނާ ހަމައަށް ރަސްމީކޮށް އައިސްފައިވާ ވާހަކަތަކެއް ނޫން. އެކަހަލަ ވާހަކައެއް ނުދައްކަން. މަޖިލީހުގެ ކަންތަކުގައި މަޝްވަރާ ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.
މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ އޮތީ މާދަމާ އެވެ. މި ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާއިރު، ރިޔާސަތުގައި އިންނަވާނީ އަބްދުއްރަހީމް ކަމަށް މަޖިލީހުން އިއްޔެ ވަނީ ބުނެފަ އެވެ. އެ ޖަލްސާއަށް އެމްޑީޕީން އެއްބާރުލުން ދޭނެތޯ އެހުމުން ނާޒިލް ވިދާޅުވީ، އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުން ސީދާ ވަކި ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
"އެކަމާ ގުޅޭ ގޮތުން އަދި ސީދާ ވަކި އެއްޗެއް ދަންނަވާކަށް މިވަގުތު ނޭނގޭ. ޕީޖީ ގްރޫޕުން ގޮތެއް ނިންމާނީ. ޕީޖީ މެންބަރުންގެ މެޖޯރިޓީ އޮތް ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ. [މާދަމާގެ ޖަލްސާގެ ކުރިން] ޕީޖީ ގްރޫޕުގެ ބައްދަލުވުންތައް ކުރިއަށް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
މާދަމާގެ ޖަލްސާއާ ދިމާކޮށް އެމްޑީޕީން ވަނީ މަޖިލިސް އިދާރާ ކައިރިއަށް އެއްވާން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ