ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ދެއްކި ޓެކްސް ފައިސާ އަނބުދާ ރައްދު ކުރަން ކުރި ހުކުމަށް އަމަލު ކުރުން މަޑުޖައްސާލައިފި ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ދެއްކި ޓެކްސް ފައިސާ އަނބުދާ ރައްދު ކުރަން ކުރި ހުކުމަށް އަމަލު ކުރުން މަޑުޖައްސާލައިފި

ދިވެހި ދައުލަތުން ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން އެޅި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް އެޅުމަށް ހިންގި މަޝްރޫއުގެ ދަށުން އެ ކުންފުނިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި ޖީއެސްޓީ ފައިސާއަށްވާ 227،560ރ. ކުންފުންޏަށް ދައުލަތުން ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ މާޗު 20، ގައި ކުރި ހުކުމް ހައި ކޯޓުން އިއްޔެ ހުއްޓުވައިފި އެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ޗަންގް ހުއާން ކޮންސްޓްރަކްޝަނުން މީރާ މެދުވެރިކޮށް ދައްކަންޖެހޭ ޖީއެސްޓީއަކީ ދިވެހި ދައުލަތުން ޒިންމާވާން ޖެހޭ ފައިސާގެ އަދަދުތަކެއް ކަމަށް ކަނޑައަޅާފައިވާއިރު، ދައުލަތުން އަނބުރާ ކުންފުންޏަށް ދައްކަން އަމުރުކުރީ މަޝްރޫއުގެ ދަށުން ޗަންގް ހުއާން ކޮންސްޓްރަކްޝަންއިން މީރާއަށް ދެއްކި ޖީއެސްޓީގެ އަދަދުތަކުގެ ތެރެއިން ދައުލަތުން ނުދައްކާ އޮތް އަދަދެވެ.
ސިވިލް ކޯޓުން ހުކުމް ކުރީ އެ ފައިސާ މިދިޔަ މާޗު 20، 2024، އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޗަންގް ހުއާންއަށް ދައްކައި ހަލާސް ކުރުމަށެވެ. އެކަމަކު ދައުލަތުން އެ ފައިސާ ނުދައްކައި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން މިހިނދުން މަޑުޖައްސާނުލައިފި ނަމަ، އިންސާފަށް ހުރަސްއެޅިދާފަދަ ހާލަތްތަކެއް މެދުވެރިވުން އެކަށީގެންވާ ކަމަށް ބެލެވޭތީ އެންމެ އަދުލުވެރި އަދި ރައްކާތެރި ގޮތަކީ މައްސަލައިގެ ހުކުމް މިވަގުތަށް ފަސް ކުރުން ކަމަށެވެ.
ހައިކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައި 25 ބުރީގެ އިމާރާތެއް އެޅުމަށް މާޗު 1، 2016 ގައި ޗަންގް ހުއާން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 140 މިލިއަން ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ