ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަޔާން ނަގަން އުޅެނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްގެން ކ. ގިރިފުށީގައި ގެންގުޅުނު މައްސަލާގައި ކަމަށާއި އެ ތަހުގީގަށް އެމަނިކުފާނުގެ ފަރާތުން އެއްބާރުލުމެއް އަދި ނުލިބޭ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ ތަހުގީގަށް ބަޔާން ނެގުމަށް ފުލުހުން އެދުނީ އެމަނިކުފާނަށް އެދިވަޑައިގެންނެވި ތަނަކަށް ފަސޭހަ ވަގުތެއްގައި، ގޮސްގެން ކަމަށެވެ. ނަމަވެސް އެ ބަޔާން ނެގުމަށް ނަޝީދު އަދި އެއްބާރުލުންދެއްވާފައި ނުވާ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.
"އިތުރަށް އެ މައްސަލާގައި ކުރިއަށް ގެންދާނެ ގޮތެއް އަދި ނުނިންމަން،" އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ބަޔާނެއް ނެގުމަށް ފުލުހުން އެދުނު ނަމަވެސް، "ފުލުހުންނަށް ދޭނެ ބަޔާނެއް ނެތް" ކަމަށް އެ މަނިކުފާނުގެ ވަކީލު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ. އޭގެ ސަބަބެއް ކަމަށް މާރިޔާ ވިދާޅުވެފައި ވަނީ އެމްޑީޕީން ގަބޫލުކުރާ ފަނޑިޔާރުގެތަކެއް ރާއްޖޭގައި ނެތުމެވެ.
މިދިޔަ އަންގާރަ ދުވަހު ނަޝީދުގެ ވެރިކަން ވައްޓާލާފައި ވަނީ ފުލުހުންނާއި ސިފައިން ރިޝްވަތު ހިފައި "ބަޣާވާތްކޮށްގެން" ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަލީ ރަޝީދު ވިދާޅުވީ "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. ފުލުހުން އެއްވެސް ރިޝްވަތެއްގައި ހިފާފައި ނުވާ ކަމަށާއި އެގޮތަށް ފަތުރާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި، ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތައް އަދި ސަރުކާރުގެ އިމާރާތްތަކާއި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދިން މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާބެހޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަދައްކަވައިފަ އެވެ.
އަލީ ރަޝީދު ވިދާޅުވީ އެ މައްސަލަތަކުގައި މިހާތަނަށް 124 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ރަށްތަކުގެ ކައުންސިލަރުން ވެސް ހިމެނެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް ރައީސް ނަޝީދު އެއްބާރުލުމެއް ނުދިން: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ