ރުހުން ނެތް އެޓާނީ ޖެނެރަލްގެ ފަރާތުން ކުރާ ދައުވާތައް ސިވިލް ކޯޓުން ހުއްޓާލައިފި

ބަންޑާރަ ނާއިބު ކަމަށް އައްޔަން ކުރައްވާފައިވާ އަހުމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ނުވާތީ އާ ބަންޑާރަ ނާއިބަކު އައްޔަން ކުރައްވަންދެން ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކާއި ދައުލަތުން ދައުވާކުރާ އެއްވެސް މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށް ނުގެންދާ ގޮތަށް ނިންމައިފި އެވެ.
ސިވިލް ކޯޓުގެ ރަޖިސްޓްރާ އަބްދުއްރައޫފު މިއަދު ވިދާޅުވީ އެގޮތަށް ނިންމީ އެ ކޯޓުގެ އާންމު މަޖިލީހުން ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކާއި ދައުލަތުން ދައުވާކުރާ އެއްވެސް މައްސަލައެއް ސިވިލް ކޯޓުގައި ދެން ކުރިއަށް ގެންދާނީ އާ ބަންޑާރަ ނާއިބަކު އައްޔަން ކުރައްވައި މަޖިލީހުން ރުހުން ލިބިގެން ނުވަތަ އެ މައްސަލަތައް ކުރިއަށް ގެންދިއުމަށް މަތީ މަރުހަލާގެ ކޯޓަކުން އެންގެވުމުން ކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވީ ބަންޑާރަ ނާއިބު އޮފީހުން ހުށަހަޅާ މައްސަލަތައް ސިވިލް ކޯޓުން ބަލައިނުގަތް ނަމަވެސް ދައުލަތުގެ އެހެން މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ބަލައިގަންނާނެ ކަމަށެވެ.
އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އެހެން ކޯޓަކުން އަދި މިފަދަ ގޮތަކަށް ނުނިންމަ އެވެ.
ސޮލިސިޓަ ޖެނެރަލް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ ބަންޑާރަ ނާއިބު އޮފީހުގެ މައްސަލަތައް ހައި ކޯޓުގައި ކުރިއަށް ގެންދާތީ ސިވިލް ކޯޓުން ވިސްނާ ގޮތް ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ސިވިލް ކޯޓުން އެ ވިދާޅުވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުމަށް އެ ބޭފުޅުން ވެސް އިހުތިރާމް ކުރައްވާނެ ކަމަށް. ހައި ކޯޓުގައި މައްސަލަތައް އެބަ ކުރިއަށް ގެންދަވާ މިހާރު ވެސް. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ މިހާރު ދިމާވެގެން އުޅޭ ކަންތައް އަވަހަށް ހައްލުވާނެ ކަމަށް. މާ ބޮޑު ކަމަކަށް ނުވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މުއިއްޒު ވިދާޅުވި އެވެ.
ބަންޑާރަ ނާއިބު އޮފީހުގެ މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުން ހުއްޓާލިއިރު ބަންޑާރަ ނާއިބު މި ވަގުތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވަ އެވެ.
ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދާ އެކު އެހެން ހަ ވަޒީރަކަށް ވެސް ރުހުން ނެތް ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެހެން ނަމަވެސް ރައީސް އޮފީހުން ވިދާޅުވެފައި ވަނީ ރުހުން ނެތް ވަޒީރުން ވެސް މަގާމުގައި ދެމިތިއްބަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ