މައުމޫން ފައުންޑޭޝަން އިފުތިތާހު ކޮށްފި

ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އުފެއްދި "ދަ މައުމޫން ފައުންޑޭޝަން" ބުދަ ދުވަހުގެ ރޭ އިފުތިތާހު ކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި "ދަ މައުމޫން ފައުންޑޭޝަން" (ޓީއެމްއެފް) އިފުތިތާހު ކުރުމަށާއި ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިހާބު ކުރުމަށް ޝީ ބިލްޑިންގުގައި ބޭއްވި އެ ޖަމިއްޔާގެ ފުރަތަމަ އާންމު ޖަލްސާގައި ޗެއާމަނަކަށް އިންތިހާބުވެ ވަޑައިގަތީ އެ ފައުންޑޭޝަންގެ އެއް މުއައްސިސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމެވެ. ވައިސް ޗެއާމަނަކަށް އިންތިހާބުވެ ވަޑައިގަތީ ފައުންޑޭޝަންގެ އަނެއް މުއައްސިސް ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިޝް މައުމޫނެވެ.
"ދަ މައުމޫން ފައުންޑޭޝަން" ގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން އެ ފައުންޑޭޝަންގެ ޗެއާމަނަކަށް ކުރިމަތިލެވޭނީ ނުވަތަ ހުށަހެޅޭނީ ފައުންޑޭޝަންގެ މުއައްސިސުންގެ ތެރެއިން މީހެއްގެ ނަން އެކަންޏެވެ.
ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީއަކަށް އިންތިހާބުވެ ވަޑައިގަތީ ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުގެ ސްޕެޝަލް އެސިސްޓެންޓް ޓު ދަ ފޯމަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން ޝަރީފު (މުންދު) އެވެ. ހަޒާންދާރަކަށް ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އާދަމް ނައީމް އިންތިހާބުވެ ވަޑައިގެންނެވިއިރު ސެކްރެޓަރީ އަކަށް އިންތިހާބުވެ ވަޑައިގަތީ ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުގެ ލީގަލް އެސިސްޓެންޓެއްގެ ގޮތުގައި ހުންނެވި އައްބާސް ޝަރީފެވެ.
މީގެ އިތުރުން ވަނީ ފައުންޑޭޝަންގެ ހިންގާ ކޮމެޓީ އަށް އިތުރު ހަ މެމްބަރަކު ވެސް އިންތިހާބު ކޮށްފަ އެވެ. އެއީ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި މުހައްމަދު ޣައްސާން މައުމޫނުގެ އިތުރުން ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝޭހު މުހައްމަދު ރަޝީދު އިބްރާހީމާއި ކުރީގެ ޔޫތް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ރައީސް މައުމޫންގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު ފުރުއްވި ޑރ. އަހުމަދު ޝަރީފެވެ.
އާންމު ބައްދަލުވުމުގައި ފައުންޑޭޝަންގެ 29 މެމްބަރަކު ބައިވެރިވިއިރު ހިންގާ ކޮމެޓީގެ ކޮންމެ މަގާމަކަށް ވެސް ބޭފުޅުން އިންތިހާބުވެ ވަޑައިގަތީ 28 ވޯޓާ އެކު އެވެ.
"ދަ މައުމޫން ފައުންޑޭޝަން" އިފުތިތާހު ކުރުމުގެ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ފައުންޑޭޝަން ޗެއާމަން ރައީސް މައުމޫން ވިދާޅުވީ އެއީ ހިލޭ ސާބަހަށް މަސައްކަތްކުރާ، ސިޔާސީ ކަންތައްތަކުން އެއްކިބާވެފައިވާ ފައުންޑޭޝަނެއް ކަމަށާއި އެއީ އަބަދުވެސް މެމްބަރުންގެ ހިތުގައި ބާއްވަން ޖެހޭ ކަމެއް ކަމަށެވެ.
"އެހެންވީމަ މި ފައުންޑޭޝަންގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހިމެނިވަޑައެއް ނުގަންނަވާނެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މި ފައުންޑޭޝަންގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައެއް ނުގަންނަވާނެ. ބޭނުމަކީ މި ފައުންޑޭޝަނަކީ އެންމެންގެ ކުރިމަތީގައި ސިޔާސީ އެއްވެސް ކަމަކާ ނުބެހި ހަމަ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި އިޖުތިމާއީ ހިދުމަތްތަކެއް ދެވޭތޯ ބަލާ ޖަމިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ހެދުން،" ރައީސް މައުމޫން ވިދާޅުވި އެވެ. "ހަމަ އެއާއެކު ދަންނަވާލަން ބޭނުންވަނީ މި ފައުންޑޭޝަނުން މަސައްކަތް ކުރާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިންނޭ. މިފަދަ ފައުންޑޭޝަންތައް ދުނިޔޭގެ އެކި ތަންތާނގައި ހިނގަނީ ކިހިނެއްތޯ، ކޮން އުސޫލަކުންތޯ އެއީ ދެފުށް ފެންނަ ގޮތަށް ވަރަށް ޒިންމާދާރު ގޮތެއްގައި ހިންގާ ތަންތަން. އެހެންވީމަ އަޅުގަނޑުމެން ވެސް ކުރާނީ އަޅުގަނޑުމެންގެ ހުރިހާ ހިސާބުތަކާއި ލިޔެކިޔުންތަކާއި ލިބޭ ފައިސާ އާއި ހަރަދުވާ އެއްޗަކާއި ކުރާ ކަންތައްތައް އެންމެންނަށް ވެސް އެނގޭ ގޮތަށް."
ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ފައުންޑޭޝަންގެ މައިގަނޑު މަގުސަދުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރު ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި ރާއްޖޭގެ ތައުލީމާއި ސިއްހީ ހިދުމަތުގެ ފެންވަރާއި އިޖުތިމާއީ ދުޅަހެޔޮކަން ތަރައްގީ ކުރުމާއި ތިމާވެށީގެ ރައްކާތެރިކަމާއި ދެ ޖިންސުގެ ހަމަހަމަ ކަމާއި ކުދި ގައުމުތަކުގެ ސަލާމަތާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާގެ ތެރޭގައި މަސައްކަތް ކުރުމެވެ. ރައީސް މައުމޫން ވިދާޅުވީ އެއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ދާއިރާތައް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ "ދަ މައުމޫން ފައުންޑޭޝަން" ގައި ބޯޑް އޮފް ޓްރަސްޓީޒެއް އޮންނަ ކަމަށާއި އޭގެ ސަބަބުން ފައުންޑޭޝަންގެ އިތުބާރު ވަރަށް ބޮޑަށް އުފުލޭނެ ކަމެއް ކަމަށެވެ. އަދި ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒުންގެ ގޮތުގައި ހަމަޖެއްސުމަށް ގަސްދު ކުރައްވާފައި ވަނީ ރާއްޖެއިން ބޭރުގެ އިއްޒަތްތެރި ބޭފުޅުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"ދަ މައުމޫން ފައުންޑޭޝަން" ގެ ބޯޑް އޮފް ޓްރަސްޓީޒުންގެ ގޮތުގައި މިހާރު ތިއްބެވީ ރާއްޖެއިން ބޭރުގެ ހަތަރު ފަރާތެކެވެ. އެއީ މިސްރުގެ މުފްތީ ޑރ. އަލީ ޖުމްއާ އާއި އިންޑިޔާގެ ގާޑަން ސިޓީ އެޑިއުކޭޝަން ޓްރަސްޓްގެ ޗެއާމަން ޑރ. ޖޯސެފް ވީ. ޖޯޖް އާއި ސްރީލަންކާގެ ވެސްޓަން ޕްރޮވިންސްގެ ގަވަރުނަރު ސައީދު އަލާވީ މައުލާނާ އަދި ޕާކިސްތާނުގެ ބަގާއީ މެޑިކަލް ޔުނިވަސިޓީގެ ފައުންޑަރު ފަރީދުއްދީން ބަގާއީ އެވެ. މީގެ އިތުރުން ބޯޑް އޮފް ޓްރަސްޓުންގެ ގޮތުގައި ތިއްބަވަނީ ރައީސް މައުމޫނާއި ފާރިޝް މައުމޫނެވެ.
ރައީސް މައުމޫން ވިދާޅުވީ މިހާރު ބޯޑް އޮފް ޓްރަސްޓީޒުންގެ ގޮތުގައި ތިއްބެވި ބޭރުގެ ހަތަރު ބޭފުޅުންގެ އިތުރުން އިތުރު ބޭފުޅުން ވެސް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ބޯޑް އޮފް ޓްރަސްޓީޒުންގެ ބާރުގެ ތެރޭގައި ފައުންޑޭޝަނަށް ލިބޭ ފައިސާގެ ކަންތައްތައް ބެލެހެއްޓުމާއި ހިންގާ ކޮމެޓީ އަށް އެކި ކަންކަމުގައި ލަފާ ދެއްވުން ފަދަ ކަންތައްތައް އަރުވާފައިވާނެ ކަމަށެވެ.
"އެކަން އެހެން ހަމަޖެހިފައި އޮތުމާ އެކީގައި އަޅުގަނޑު ހިތަށް އަރަނީ މި ފައުންޑޭޝަން އިރާދަކުރެއްވިއްޔާ ވާނީ މީހުން އިތުބާރު ކުރާ ފައުންޑޭޝަނަކަށޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
"ދަ މައުމޫން ފައުންޑޭޝަން" ގެ އިފުތިތާހީ ޖަލްސާގައި ވަނީ ބޯޑް އޮފް ޓްރަސްޓީޒުންގެ ތެރެއިން މިސްރުގެ މުފްތީ ޑރ. އަލީ ޖުމްއާގެ ވީޑިއޯ މެސެޖެއް ވެސް ދައްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ