ވޭތުވެދިޔަ ތިން އަހަރު ވިކްޓަރީ އަށް ކުޅުނު މިޑްފީލްޑަރު މުހައްމަދު ޝައްފާޒު (ސައްޕޭ) ވީބީ އަށް ކުޅެން އިއްޔެ ހަވީރު ސޮއިކޮށްފި އެވެ.
އެ ކުލަބުގެ ސީއީއޯ ގަހުތާން ހަލީމް ވިދާޅުވީ އޭދަފުށްޓަށް އުފަން މިޑްފީލްޑް ކުޅުންތެރިޔާ ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށެވެ.
ވިކްޓަރީ އަށް ބަދަލުކުރުމުގެ ކުރިން ވެލެންސިއާ އަށް ވެސް ކުޅުނު ސައްޕޭ ވީބީ އަށް ބަދަލުވުމުން އެ ޓީމުގެ ކޯޗު ލާސްލޯ ކިސް ވެސް އިއްޔެ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ ސައްޕޭ އަކީ ވަރަށް ބަރާބަރު ކުޅުންތެރިއެއް ކަމަށާއި ވީބީ އަށް އޭނާ އައުމުން އުފާކުރާ ކަމަށެވެ.
"ސައްޕޭ އަކީ ވަރަށް ބަރާބަރު ކުޅުންތެރިއެއް. އަހަރެން ވަރަށް ރަނގަޅަށް ރަނގަޅަށް އޭނާ ދަންނަން. އަހަރުމެންނަށް ވަރަށް ބޮޑަށް ބޭނުންހިފޭނެ ކުޅުންތެރިއެއް އެއީ އޭނާ އައުމުން ކޯޗު ވަރަށް ބޮޑަށް އުފާކުރަން،" ކުރިން ވެސް ސައްޕޭ އަށް ކޯޗުކޮށްދިން ކިސް ބުންޏެވެ.
ސައްޕޭ އަކީ މި އަހަރު ވީބީ އަށް ބަދަލުވި ފަސް ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން ވިޔަންސާ އަށް ކުޅުނު ހަތަރު ކުޅުންތެރިއަކު ވީބީން ވަނީ ގެންގޮސްފަ އެވެ. އެއީ ޑިފެންޑަރު އަންވަރު އަބުދުލްގަނީ އާއި އަހުމަދު ރިލުވާން އާއި މުހައްމަދު ޝުއައިބާއި ހަސަން އައްސަދެވެ. ސައްޕޭ ވިކްޓަރީދޫކޮށް ދިޔައިރު އޭނާގެ މަގާމަށް ކުޅެން ވިކްޓަރީން ވަނީ ވޭތުވެދިޔަ ފަސް އަހަރު ނިއު އަށް ކުޅުނު އޭދަފުށީ މިޑްފީލްޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ގެންގޮސްފަ އެވެ.
ވިކްޓަރީން ސައްޕޭ ދޫކޮށްލީ އޭނާގެ އަގު 1.2 މިލިއަނަށް އެރުމުން މި އަގަކީ ވިކްޓަރީ އަށް ހިފެހެއްޓޭ އަގަކަށް ނުވުމުން ކަމަށް ބުނެ އެވެ. ނަމަވެސް ވީބީން ބުނީ ސައްޕޭ ލައްވައި ސޮއިކުރުވީ ވިކްޓަރީން ބުނާ އަގަށް ނޫން ކަމަށެވެ.
އަންނަ ސީޒަނަށް ވީބީން ހޯދަން ބޭނުންވާ ބައެއް ކުޅުންތެރިން އަދިވެސް އެބަތިބި ކަމަށް ކޯޗު ލާސްލޯ ކިސް އިއްޔެ ބުންޏެވެ. ނަމަވެސް އޭނާ ބުނީ ވީބީ އަށް ކުޅެދޭނެ ކަމަށް ބުނެފައި ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން ސޮއިކުރީ ވިކްޓަރީ އަށް ކަމަށް ވެސް ކިސް ބުންޏެވެ.
ވީބީން މި އަހަރު އަދި އެއްވެސް ކުޅުންތެރިއަކު ވަކިވެފައެއްނުވެ އެވެ. އެ ޓީމުން މި އަހަރު ގިނަ ކުޅުންތެރިންނާއެކު ސޮއިކުރީ ދެ އަހަރު ދުވަހަށެވެ.
ސައްޕޭ ވީބީ އަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ