ޓުވީޓަކާ ގުޅިގެން ހައްޔަރު ކުރި ނޫސްވެރިޔާ އިންޑިއާގެ ސުޕްރީމް ކޯޓުން ދޫކޮށްލައިފި
ދިއްލީ (ޖޫން 11): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތާ ބެހޭ ގޮތުން ކުރި ޓުވީޓަކާ ގުޅިގެން ހައްޔަރުކުރި ނޫސްވެރިޔާ ދޫކޮށްލަން އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ. ފްރީލޭންސް ނޫސްވެރިޔާ ޕްރަޝަންތު ކަނޯޖިއާ ހައްޔަރު ކުރީ އަދިތުޔާނަތުއާ ގާތް ގުޅުމެއް އޮތް ކަމަށް ބުނާ އަންހެނަކު މީޑިއާއާ ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރުމުންނެވެ. އެވީޑިއޯގައި އަންހެން މީހާ ވަނީ ޗީފް މިނިސްޓަރު ގާތުގައި އޭނާއާ ކައިވެނި ކުރަން އެދިފައިވާ ކަމަށް ބުނެފަ އެވެ. އުއްތަރަ ޕްރަދޭޝްގެ ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ކަނޯޖިއާ ހައްޔަރު ކުރީ އަދިތުޔާނަތުގެ އަބުރަށް އަރައިގަތް ކަމަށް ބުނެ އެވެ. އަދި ފާއިތުވި ތިން ދުވަސްތެރޭ އެކަނި ވެސް އެސްޓޭޓުގެ ފުލުހުން ވަނީ ހަމަ އެތުހުމަތުކޮށް، އިތުރު ހަ މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެފަދަ ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ ސަބަބުން މީހުން ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. "ގައުމުގެ ރައްޔިތެއްގެ މިނިވަންކަމަށް ވަނީ އަރައިގަނެފައި. އަޅުގަނޑުމެން ރެކޯޑުތައް ބަލައިފިން. ހިޔާލަކީ ތަފާތުވާނެ އެއްޗެއް. މިހަކަލަ [ވީޑިއޯއެއް] ހިއްސާކުރުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ. ނަމަވެސް ހައްޔަރު ކުރަންވީ ކީއްވެ؟" ކަނޯޖިއާ ދޫކޮށްލަން އަންގަމުން ސުޕްރީމް ކޯޓުން ބުންޏެވެ. ކޯޓުގެ އެނިންމުމާ ގުޅިގެން، އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރި އެހެން ނޫސްވެރިން ދޫކޮށްލުމަށް ވެސް މަގުފަހިވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ