ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީގެ އިންޒާރު

ޖަޕާނުގެ ދެކުނުން އޮންނަ ކިއުޝޫ ސަރަހައްދުގެ ކުމަމޯޓޯ ޕްރިފެކްޗާއަށް މިއަދު ރިކްޓަ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އައުމާ އެކު، ސުނާމީގެ އިންޒާރު ނެރެފި އެވެ.
ބިމުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމާ ގުޅިގެން ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ވަނީ ކުމަމޯޓޯ ސަރަހައްދަށް ޖަޕާނުގެ ބިންހެލުން ބަލާ މިންގަނޑުގެ އެންމެ މަތީ ދަރަޖަ ކަމަށްވާ "ޝިންޑޯ 7" ކަނޑައަޅައިފަ އެވެ. މިއީ ބިމަށް އާދަޔާ ހިލާފަށް ބޮޑެތި ލޮޅުންތައް އަރައި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތައްދޭ ބާރުމިނެކެވެ.
މި ބިންހެލުމާއެކު ކަނޑުގެ ލޮނުގަނޑު 1 މީޓަރު (3.28 ފޫޓު) އަށް އުފުލި، ސުނާމީގެ ރާޅުތައް އައްސޭރިފަށަށް އަރާނެ ކަމަށް ލަފާކޮށް، އަރިއާކޭ އަދި ޔަޓްސުޝީރޯ ކަނޑުގެ ސަރަހައްދުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ. ކަމާބެހޭ އިދާރާތަކުން ވަނީ އައްސޭރިފަށާއި ކޯރުތަކާ ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި އުސް ބިން ތަކަށް ބަދަލުވުމަށް އަމުރުކޮށްފަ އެވެ.
ކުމަމޯޓޯގެ އިތުރުން ކިއުޝޫގެ ވަށައިގެންވާ ނަގަސާކީ، ކަގޮޝީމާ، ފުކުއޯކާ، ސާގާ، އޮއިޓާ އަދި މިޔާޒާކީ ޕްރިފެކްޗާއަށް ވެސް ވަނީ ކުއްލި ނުރައްކަލުގެ އިންޒާރު ފޮނުވައިފަ އެވެ.
ބިންހެލުމުގެ ސަބަބުން ޖޭއާރް ކިއުޝޫ ރޭލްވޭގެ ހުރިހާ ހިދުމަތްތަކެއް، ހާއްސަކޮށް 'ޝިންކަންސެން' ބުލެޓް ޓްރެއިންގެ ދަތުރުތައް ވަނީ ރޭލު ދަގަނޑުތަކުގެ ސަލާމަތީ ކަންކަން ބަލައި ނިމެންދެން އެއްކޮށް މެދުކަނޑާލައިފަ އެވެ. ނަމަވެސް، ކިއުޝޫ އިލެކްޓްރިކް ޕަވަ އިން ބުނި ގޮތުގައި އެ ސަރަހައްދުގައި ހުރި ސެންޑާއީ އަދި ގެންކާއި ނިއުކްލިއާ ޕްލާންޓްތަކަށް މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވަތަ ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ.
ބިންހެލުމާ ގުޅިގެން ބޮޑު ގެއްލުމެއް ނުވަތަ މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ