މިލިއަނެއްހާ ރުފިޔާގެ ބިލު ނުދައްކާ އޮތުމުން މާފަރު ކައުންސިލުން ކަރަންޓު ކަނޑާލައިފި

ނ. މާފަރު ކައުންސިލު އިދާރާއާއި އެ އިދާރާގެ ދަށުން ހިންގަމުން އަންނަ ބައެއް ތަންތަނުގެ ކަރަންޓު ބިލަށް ފައިސާ ނުދައްކައިގެްނ އެ ތަންތަނުން މިއަދު ކަރަންޓު ކަނޑާލައިފިއެވެ. މިިދިޔަ ދައުރު ނިމުނު އިރު، ކައުންސިލުގެ ދަށުން ނުދައްކާ ހުރި ބިލުތަކުގެ އަދަދު ހުރީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާގައެވެ. އަލަށް އިންތިހާބުވީ ކައުންސިލުން ވަނީ އެ ބިލުތައް ދައްކަން ފަށައިފައެވެ. އެހެން ނަމަވެސް އަދިވެސް ނުދެއްކި މިލިއަނެއްހާ ރުފިޔާ އެބައޮތެވެ. މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު "ސަން"އަށް ވިދާޅުވީ ކަރަންޓު ކަނޑައިލައިފައިވަނީ ބިލު ދައްކަމުން އަންނަ ތަންތަނުން ކަމަށެވެ. އެގޮތުން މިއަދުގެ މެންދުރުފަހު 3 ޖަހާކަށްހާއިރު ކައުންސިލު އިދާރާ، ޕްރީސުކޫލް އަދި ފުޓްސަލް ދަނޑުން ވަނީ ކަރަންޓު ކަނޑާލައިފައެވެ. " އަޅުގަނޑުމެން ހަވާލުވިފަހުން ނުދެއްކި އޮންނާނީ ބަނދަރާއި މަގުތަކާއި މިސްކިތްތައް. އަޅުގަނޑުމެން ބުނިން އަޅުގަނޑުމެންނަށް ވަގުތު ދޭށޭ. އެ ހުރިހާ ތަނެއްގެ ބިލު ވީހާ ވެސް އަވަހަކަށް ދެއްކޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މުހައްމަދު ވިދާޅުވިއެވެ. މުހައްމަދު އިތުރަށް ވިދާޅުވީ ނުދެއްކި ހުރި ބިލުތަކުގެ ބޮޑުބަޔަކީ މިދިޔަ ދައުރުގައި ނުދެއްކި ހުރި ބިލުތައް ކަމަށެވެ. އަދި އަލަށް އިންތިހާބުވީ ކައުންސިލުން ހަވާލުވުމަށްފަހު ނުދެއްކި ހުންނާނީ ވަރަށް މަދު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނުދެއްކި ހުރި ބިލުތަކަށް ހައްލު ހޯދުމަށްޓަކައި ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ވެސް ތަކުރާރުކޮށް އެދެމުން އަންނަ ކަމުގައި މުހައްމަދު ފާހަގަ ކުރެއްވިއެވެ. "މިފަދަ މައްސަލަތައް ހައްލު ކުރެވޭނީ އެކަށީގެންވާ ވަގުތު ދީގެން. ބޮޑެތި އެމައުންޓުތައް ދެއްކޭނީ އަޅުގަނޑުމެންނަށް ވެސް ފައިސާ ހޯދަން އެކަށީގެންވާ ވަގުތު ލިބިގެން. ކަރަންޓު ކަނޑާލުމަކީ ހައްލެއް ކަމަކަށް އަޅުގަނޑު ނުދެކެން،" މުހައްމަދު ވިދާޅުވިއެެވެ. މުހައްމަދު ވިދާޅުވީ މިކަމަށް ހައްލެއް ހޯދަން ފެނަކައާއި ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލުމާއެކު އެ ތަނުގެ ޚިދުމަތްތައް މިހާރު ވަނީ މެދުކަނޑާލައިފައެވެ. އެ ކައުންސިލުން ބުނީ ފައިސާގެ މައްސަލަ ހައްލުކުރެވި ކަރަންޓުގެ ޚިދުމަތް ލިބުމުން ހިދުމަތް ދޭންފަށާނެ ކަމަށެވެ. އަދި އެމަރޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ކަައުންސިލްގެ ރައީސަށް ގުޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ