މަދަދު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވީ ރައްޔިތުން މަގުފުރައްދަން - ގާސިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމްޑީޕީ އަށް ކާމިޔާބުކުރުމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަދަދުވެރިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ރައްޔިތުން މަގުފުރެއްދުމަށް އެ މަނިކުފާނު ދައްކަވާ ވާހަކައެއް ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ރަސްމީ ޓުވިޓާ އެކައުންޓުގައި މިއަދު ކުރެއްވި ޓުވީޓެއްގައި ގާސިމް ވިދާޅުވީ އޭނާގެ މަދަދު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވުމަކީ އާދައިގެ މަތިން ރައްޔިތުން މަގުފުރެއްދުމަށް ނަޝީދު ދައްކަވާ ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުގެ މަދަދު ލިބޭނެ ކަމަށް ބުނުމަކީ އާދައިގެ މަތިން ރައްޔިތުން މަގުފުރެއްދުމަށް ކެނެރީގޭ ނަޝީދު ދައްކާ ވާހަކައެއް،" ޓުވިޓާގައި ގާސިމް ވިދާޅުވެފައިވެ އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ގާސިމް މަދަދުވެރި ވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ރޭ މާލޭގައި ކުޅިވަރު ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އަދި ދެވަނަ ބުރު ކާމިޔާބު ވުމުގެ ސަބަބަކަށް ގާސިމް އިބްރާހީމް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މަސްލަހަތަށް މަސައްކަތު ބައެއް ނޫންކަން އަޅުގަނޑުމެން ސިޔާސީ ވާދަވެރިން ވެސް ގަބޫލު ކުރޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އަޅުގަނޑުމެންނަށް މަދަދުވެރި ވާނެ. އަދި އަޅުގަނޑުމެނަށް މި އިންތިހާބު ކާމިޔާބު ވުމުގައި އެ ބޭފުޅާއަކީ ވެސް ސަބަބަކަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ