އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް: ތިން ކެޓަގަރީ އަކުން ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

މިހާރު ކުރިއަށްދާ 21 ވަނަ މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ދެ އުމުރުފުރައެއްގެ ތިން ކެޓަގަރީ އަކުން ބ. ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި އެވެ.
ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދި ކެޓަގަރީ ތަކަކީ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިންނާއި 14 އަހަރުން ދަށުގެ ފިރިހެން ބައިންނާއި އަންހެން ބައިން ނެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ގޮއިދޫ ސްކޫލުން ހޯދީ ރޭ ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ކުޅުނު ފައިނަލުގައި އަމީނިއްޔާ ސްކޫލު ސީދާ ތިންސެޓުން ބަލިކުރުމަށް ފަހު އެވެ. މިމެޗުގެ ސެޓުތައް ގޮއިދޫ ޓީމުން ގެންދިޔައީ 25-11، 25-12 އަދި 25-02 އިންނެވެ.
މިމުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ގޮއިދޫން ހޯދީ ފައިނަލުގައި ތިން ސެޓުން އިމާދުއްދީން ސްކޫލް ބަލިކުރުމަށް ފަހު އެވެ. އަދި މި އުމުރުފުރާގެ ފިރިހެން ބައިން ވެސް ފައިނަލުގައި ވާދަކުރީ މި ދެ ޓީމެވެ.
ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި މިރޭ ފެށުމަށް ހަމަޖެހިފައި ވަނީ 19 އަހަރުން ދަށުގެ ބައިގެ މެޗްތައް ކަމަށާއި އެގޮތުން މި އުމުރުފުރާގެ އަންހެން ބައިން ވާދަކުރަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސީއެޗްއެސްއީ އެވެ. އަދި ފިރިހެން ބައިން ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވާދަކުރާނެ އެވެ.
ޖުމްލަ 23 ޓީމާއެކު ކުރިއަށްދާ، މިމުބާރާތުގައި ވާދަކުރާ ސުކޫލްތަކަކަކީ ބ. ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސީއެޗްއެސްއީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ