ރާއްޖޭގައި ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރިއެއް ނުހިނގާނެ: އުމަރު ނަސީރު

ދިވެހިރާއްޖޭގައި ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރި ނުހިނގާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންނަށް އަރުވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރ 28 ގައި ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާ ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ ކޯޗެއަރ އަދި ހޯމް މިނިސްޓަރ އުމަރު ނަސީރު މިހެން ވިދާޅުވީ، ވީ ނިއުސްއިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރި ނުހިނގާ ކަމަށާ އެކަހަލަ ކުޑަކަމެއް ހިނގިއަސް ސަލާމަތީ ބާރުތައް އެނގޭނެ ކަމަށެވެ.
"ޔަގީންކަންދެން އެފަދަ ވިޔަފާރިއެއް ރާއްޖޭގައި ނުހިނގާކަން. އެފަދަ ކަމެއްގެ ކިރިޔާ ކޮޅުމަތި ފެނުނަސް އަޅުގަނޑުމެންނަށް އެކަން އެނގޭނެ. އެކަން އަޅުގަނޑުމެން ހުއްޓުވާނަން. ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރިއެއް ނުހިގާނެ." އުމަރު ވިދާޅުވިއެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް ރައީސް އަބްދުﷲ ޔާމީން ހަނިކުރެއްވާފައިވާއިރު، އެބާރުތައް އަދިވެސް އަލުން އަނބުރާ ނުދެއްވާ ކަމަށްވެސް މިނިސްޓަރ އުމަރު ވިދާޅުވިއެވެ. ނަމަވެސް އުމަރު ވިދާޅުވީ ލޯންޗު ގޮއްވާލުމުގެ ހާދިސާ ތަހުގީގު ކުރުމުގެ ފުރިހަމަ ބާރު ރައީސް ދެއްވައި، ފުލުހުންގެ ތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދެއްވާފައިވާ ކަމަށެވެ.
"އަދިވެސް އެކަން އޮތީ ހަމަ ކުރިންވެސް އޮތްގޮތަށް. އެކަމަކު މިތަހުގީގަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްއަޅައި ފުލުހުންގެ ތެރޭގައި މަސައްކަތްކުރަން ޔައީސް ވަނީ އަންގަވާފައި. އަޅުގަނޑު މިހާރު މިކުރަނީ އެމަސައްކަތް." އުމަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބާރުތައް ރައީސް ޔާމީން ހަނިކުރެއްވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ހޯމް މިނިސްޓަރުގެ ބާރުތައް ހަނިކުރެއްވި ސަބަބެއް ރައީސް ޔާމީން މިހާތަނަށް ވިދާޅު ނުވިނަމަވެސް، އެފިޔަވަޅު އެޅުއްވީ ނައިބު ރައީސް އަހުމަދު އަދީބާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކެއްގެ މައްސަލަ ބެލުމަށް ފުލުހުންގެ މައްޗަށް އުމަރު އަމުރު ކުރެއްވުމުން ކަމަށް އޭރު ވާހަކަދެކެވިފައި ވެއެވެ.
މިނިސްޓަރ އުމަރަށް ލިބިދޭ ބާރުތައް ހަނިކުރެއްވުމުން އެކަން ބަލއިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށްވެސް އެ މައްސަލަ ހުށަހަޅުއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ